ރައްޔިތުންގެ ވޯޓުން އިންތިހާބު ކޮށްފައި އޮތް ސަރުކާރެއް، ބަޣާވާތަކުން ވައްޓާލުމަށް ފަހު މިޔަންމާގެ ކޮންޓްރޯލް ނަގައިގެން ހުރި މިޔަންމާގެ އަސްކަރީ ލީޑަރު މިން އާންގް ހަލައިންގްގެ ނައިބު، ސޯއީ ވިންއަށް އދއިން ވަރުގަދަ އިންޒާރެއް ދީފިއެވެ.

މިޔަންމާގެ ބަޣާވާތު ލީޑަރުގެ ނައިބަށް އދއިން ވަރުގަދަ އިންޒާރެއް ދިނީ، އދގެ ހާއްސަ މަންދޫބު، ކްރިސްޓީން ޝްރޭނާ ބާޖީނާ، ފޯނު މެދުވެރިކުރައްވާ ކަމަށް ހަބަރު ލިބެއެވެ.

އދގެ މަންދޫބުގެ އިންޒާރުގެ މެސެޖުގައި، މިޔަންމާގެ ރައްޔިތުންނަކީ ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރުމުގެ ހައްގު ލިބިގެންވާ ބައެއް ކަމަށާ، އެ ހައްގަށް އިހުތިރާމް ކުރަން ޖެހޭނެ ކަން ހަނދާން ކޮށްދެއްވާފައި ވެއެވެ. އަދި އިންތިހާ ހަރުކަށި ކަމާއެކު މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލައިފިނަމަ، އޭގެ ނަތީޖާ ވަރަށް ހިތި ވާނެ ކަމުގެ އިންޒާރުވެސް އދގެ މަންދޫބު ވަނީ ދެއްވާފައެވެ.

ޑިމޮކްރަޓިކް ސަރުކާރު ވައްޓާލުމަށް ފަހު މިޔަންމާގެ ކޮންޓްރޯލް ނަގައިގެން އޮތް އެ ގައުމުގެ އަސްކަރިއްޔާއިން ދަނީ އިންޓަނެޓްގެ ހިދުމަތްތަކަށް ބުރޫ އަރުވަމުންނެވެ. އަދި ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރަމުންދާ އާންމުންނާ ދެކޮޅަށްވެސް ބާރުގެ ބޭނުން ކުރަމުންނެވެ.

ޝްރޭނާ ބާޖީނާ ވަނީ އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ހިލާފު ފިޔަވަޅެއް ކަމަށް ސިފަކުރައްވާފައެވެ.

ކަން މިހެން އޮތް އިރު މިޔަންމާގެ އަސްކަރިއްޔާއިން ދަނީ މުޒާހަރާތައް ދޫކޮށްލުމަށްފަހު މަސައްކަތު ނިކުތުމަށް މިޔަންމާގެ ރައްޔިތުންނަށް ގޮވާލަމުންނެވެ. އަދި އަސްކަރިއްޔާގެ ލީޑަރުންނާ ދެކޮޅަށް ނިކުންނަ މީހުންނަށް ހަރުކަށި އަދަބުތަކެއް ދޭނެ ކަންވެސް މިޔަންމާގެ އަސްކަރިއްޔާއިން ވަނީ އިއުލާން ކޮށްފައެވެ.

މިޔަންމާގެ ޑިމޮކްރަޓިކް ލީޑަރުގެ ގޮތުގައި ސިފަކުރަމުން އަންނަ އާންގް ސަން ސޫޗީ މިނިވަންކޮށް، އެ ގައުމުގައި ޑިމޮކްރަސީ ނެގެހެއްޓުމަށް ގޮވާލާ މުޒާހަރާ ކުރަމުންދާ އާންމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން، އަސްކަރިއްޔާއާ މެދު ނަފުރަތު އުފައްދަނިވި އަމަލެއް ހިންގާތީ ފެންނަ ކޮންމެ މީހަކާ ދެކޮޅަށްވެސް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވަފާނެ ކަމުގެ އިންޒާރުވެސް މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ދީފައެވެ. އެއީ ލިޔުމުން، ނުވަތަ ދައްކާ ވާހަކައަކުން ނުވަތަ އެނޫންވެސް އިޝާރަތަކުން އަސްކަރިއްޔާއާ މެދު ނަފުރަތު އުފައްދާ ކޮންމެ މީހަކާ ދެކޮޅަށް އަޅާނެ ފިޔަބަޅެއް ކަމަށް މިޔަންމާގެ އަސްކަރިއްޔާއިން ވަނީ އިންޒާރު ކޮށްފައެވެ.

އަސްކަރިއްޔާގެ ޒިންމާތައް އަދާ ކުރުމަށް ހުރަސް އަޅާ ފަރާތްތަކާ ދެކޮޅަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވަން ޖެހިދާނެ ކަމުގެ އިންޒާރުވެސް، މިޔަންމާގެ ހުދުމުހުތާރު އަސްކަރިއްޔާއިން ވަނީ ދީފައެވެ.

ކޯޓު އަމުރަކާ ނުލާ މީހުން ހައްޔަރު ކުރުމުގެ ބާރު، އަސްކަރީ ސަރުކާރަށް އަމިއްލައަށް ފަހިވާ ގޮތަށް މަގު ތަނަވަސްކުރީ އާދީއްތަ ދުވަހުއެވެ.

މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތް ނާކާމިޔާބު ކޮށްދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ގޮވާލައްވާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިޔަންމާގެ ބަޣާވާތް ކުށްވެރިކޮށްފައިވެއެވެ. މިކަމުގައި ދިވެހި ސަރުކާރުގެ ބަހެއް ހޯދުމަށް ދަ ޕްރެސްއިން ކުރަމުންދާ މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ.