ދުނިޔޭގެ ބިންމަތީގައި ކާން ލިބޭ ފަދަ ފުރިހަމަ ކެއުންތަކެއް، ޖައްވީ ފަޅުވެރިންނަށް ތައްޔާރު ކޮށްދީގެން 5 ލައްކަ ޑޮލަރު ހޯދުމުގެ ފުރުސަތު، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ހުޅުވާލައިފިއެވެ.

"ޑީޕް ސްޕޭސް ފުޑް ޗެލެންޖު"ގެ ނަމުގައި، މުބާރާތެއްގެ އުސޫލުން ކައްކާއިން ހޯދުމަށް ނާސާއިން ހުޅުވާލާފައި ވާއިރު، 5 ލައްކަ ޑޮލަރުގެ އިނާމުގެ ހައްގުވެރިޔާއަކީ، ނާސާއިން މާސްއަށް ދަތުރުކުރާ ޖައްވީ ފަޅުވެރިންނަށް ކައްކާ ދޭނެ މީހާ ކަމަށް މައުލޫމާތު ލިބެއެވެ.

ކެނެޑާގެ ސްޕޭސް އޭޖެންސީއާއި ގުޅިގެން ނާސާއިން ކުރިއަށް ގެންދާ މި މަޝްރޫއަކީ، ޒަމާނީ ޓެކްނޮޖީއާއި އިޖާދުތައް ބޭނުންކޮށްގެން ޖައްވީ ފަޅުވެރިންނަށް މީރު ކެއުންތައް ތައްޔާރު ކުރުމަށް ހިންގާ މަޝްރޫއެކެވެ.

މިހެން ބުނެލިއަސް، މިއީ އަދި މާ ފަސޭހަ ކަމެއް ނޫނެވެ. ޖައްވީ ފަޅުވެރިންނަކީ ވަކި ހާއްސަ ޑައަޓެއްގައި އުޅެންޖެހޭ ބައެކެވެ. ޖައްވީ ފަޅުވެރިންނަށް ބޭނުންވާ ހަކަތަ ލިއްބައިދޭ ހާއްސަ ޗޮކްލެޓެއްވެސް އީޖާދު ކުރެވުނީ ދާދި ފަހުންނެވެ. ޑައެޓްގެ ވާހަކަ ހަވާސާ ކުރުމަށްފަހު، ދެން އޮތް ގޮންޖެހުމަކީ، ކާބޯތަކެތީގެ ބަރުދަނުގެ ވާހަކައެވެ. ޖައްވީ އުޅަނދުގައި އުފުލާ ކާބޯތަކެއްޗަކީ އިންތިހާއަށް ލުއި ތަކެއްޗަށްވެސް ވާންޖެހެއެވެ.

ފާއިތުވީ އަހަރުތަކުގައި ނާސާއިން ވަނީ، ޖައްވުގައި މޭވާއާއި ތަރުކާރީ ހައްދަން މަސައްކަތް ކޮށްފައެވެ.

"ޑީޕް ސްޕޭސް ފުޑް ޗެލެންޖު" އަކީ މާސްއަށް ދާ ފަޅުވެރިންނަށް ކެއުން ތައްޔާރު ކުރާނެ ފަރާތެއް ހޯދުމަށް ކުރިއަށް ގެންދާ މުބާރާތަކަށް ވާއިރު، މިއީ ގޮންޖެހުން ބޮޑު ކަމަކަށް ވާނެއެވެ. ނާސާގެ މާސް މިޝަންއަކީ 3 އަހަރު ދުވަހުގެ މިޝަންއެކެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، މެއި 28، 2021ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި ބައިވެރިންގެ އީޖާދުތައް ނާސާއަށް ހުށަހަޅަންޖެހޭ ސުންގަނޑިއަކީ ޖުލައި 30 ކަމަށް މައުލޫމާތު ލިބެއެވެ. ފައިސާގެ އިނާމު ހުޅުވާލާފައިވަނީ ކެނެޑާއާއި އެމެރިކާގައި ވަޒަންވެރިވެ ތިބި މީހުންނަށް އެކަންޏެވެ. ނަމަވެސް، ޕްރޮޖެކްޓް ކާމިޔާބު ކުރުމުގެ ފުރުސަތު، ހަމަ ކޮންމެ މީހަކަށްވެސް އެބައޮތެވެ.