ދުނިޔޭގެ އެންމެ ފިނި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ދެކުނުތަނޑި ނުވަތަ އެންޓާޓިކާގެ ގަނޑުފެންގަނޑުތަކުގެ ހީވެސް ނުކުރާ ހިސާބެއްގައި ދިރުން ވާތީ ހޯދިފައި ވާ ކަމަށް ސައެންސްވެރިން ބުނެފިއެވެ.
އެންޓާޓިކާގެ ގަނޑުފެންގަނޑުތަކުގެ ތެރޭގައިވާ ބޮޑު ހިލަގަނޑެއްގެ އަޑިން ދިރުން ފެނުމާއެކު، މި ދުނިޔެއާގައި ވާ ދިރުންތަކާ މެދު މިހާތަނަށް ދެކެމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވާ ކަމަށް ބުނެވެއެވެ.
ދިރުން ފެނިފައި ވަނީ ގާތްގަނޑަކަށް 900 މީޓަރު ބޯ، ފިލްޝްނާ-ރޯނީ އައިސްޝެލްފް ތޮރުފަމުން ދިޔަ ދިއުމުގެ ތެރޭގައެވެ. މި ގޮތަށް ތޮރުފައިގެން ކެމެރާއެއް ފޮނުވައިގެން އެންމެ އަޑީގެ ޗަކަތަށް ބަލުން ދިޔަ ދިއުމުގައި މި ހިލަގަނޑުގެ ތެރެއިން އެތައް ދިރުމެއް ފެނިފައި ވާކަމަށް ސައެންސްވެރިން ބުނެއެވެ.
ހީވެސް ނުކުރާ ސަރަހައްދުން ފެނުނު ދިރުންތަކުގެ ތެރޭގައި 16 ބާވަތެއްގެ ސްޕަންޖަކާއި، ގޮތް ނޭނގޭ 22 ޖަނަވާރެއް ފާހަގަ ކުރެވިފައިވެއެވެ. މިއީ، އެއްތަނުން އަނެއް ތަނަށް އަމިއްލަ ޒާތުގައި ގުޑި ނުއުޅެވޭ ޒާތުގެ ދިރުންތަކެއް، އެންޓާޓިކާގެ ގަނޑުފެންގަނޑުތަކުގެ އަޑިން ފާހަގަ ކުރެވުނު ފުރަތަމަ ފަހަރެވެ.
ގާތްގަނޑަށް މައިނަސް 2 ޑިގްރީ ސެލްސިއަސްގެ ފިނިމިން ހުންނަ މި ސަރަހައްދުން ފެނުނު ދިރުންތަކަކީ، އިންތިހާ ފިނި ފެނުގެ ތެރެއިން އުފެދޭ ނިއުޓްރިއަންޓްސް ކައިބޮއި ހަދާ ދިރުންތަކެއް ކަމަށް، ބްރިޓިޝް އެންޓާޓިކް ސާވޭގެ ހޫ ގްރިފިތްސް ވިދާޅުވިއެވެ.
ނަމަވެސް، މި ދިރުންތައް ފެނުނު ހިލަގަނޑަކީ މާސިންގާ ކަނޑުގެ ސަރަހައްދާ އަޅާ ބަލާއިރު، 260 ކިލޯމީޓަރު ދުރުގައި އޮތް ހިލަގަނޑެއް ކަމުން، މިއީވެސް ހައިރާން ކުރަނިވި ކަމެކެވެ.
ގްރިފިތްސް ގަބޫލުކުރައްވާ ގޮތުގައި ސްޕަންޖުތައް ކައިބޮއި ހަދާ ނިއުޓްރިއަންޓްސް އަންނަނީ އަދި އެއަށްވުރެވެސް ދުރުންނެވެ. މި ސަރަހައްދަށް އެންމެ ގާތުންވެސް އިރުގެ އަލި ލިބެނީ 600 ކިލޯމީޓަރު ދުރުންނެވެ. އިރުގެ އައްޔަކީ، މި ފަދަ ދިރުންތަކުގެ ދެމި އޮތުމަށް މުހިންމު އެއްޗެކެވެ.
އެންޓާޓިކާގެ ދިރުންތަކަކީ މީގެ ކުރިން ހީވެފައި އޮތް ގޮތާ އަޅާ ބަލާއިރު، އިންތިހާއަށް މުއްސަނދި ދިރުންތަކެކެވެ. އަދި އެ ސަރަހައްދުގައި ވާ ދިރުންތަކަކީ ވެއްޓަށް ފަސޭހައިން އަހުލުވެރިވާ ދިރުންތަކެއް ކަމަށްވެސް ވެއެވެ.