ފުވައްމުލަކު ސިޓީން އިތުރު 4 ކޭސްއެއް ފެނި އެ ރަށުން ފެނުނު ކޮވިޑް ކޭސްގެ އަދަދު 21 އަށް އަރައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީން ބުނީ ފުވައްމުލަކުން އިތުރު 4 ކޭސްއެއް ފެނިފައިވާ ކަމަށެވެ. އަދި މިހާރު އެ ރަށުން ފެނުނު ކޭސްތަކުގެ އަދަދު 21 އަށް އަރާފައިވާ ކަމަށެވެ. މިއަދު 4 ކޭސް ފެނިފައި ވީ ނަމަވެސް އެއީ ކޮން ކްލަސްޓާއަކާ ގުޅީގެން ފެނުނު ކޭސްތަކެއް ކަމެއް އެޗްއީއޯސީން ހާމައެއް ނުކުރެއެވެ.
ފުވައްމުލަކު ސިޓީން ކޭސްތަކެއް ފެނިފައިވާ އިރު އެރަށުން ފެނުނު ކޭސްތަކުގެ ތެރޭގައި ދުބާއީން އައި މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އޭނާގެ ކޮންޓެކްޓުންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވެ ވަނީ ކްލަސްޓާއެއް އުފެދިފައެވެ.
ކޮވިޑް-19 ގެ ކޭސްތައް ގިނަވަމުންދާތީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ރޭގަނޑު 08:00 އަކުން ފަތިހު 04:00 އަކަށް ކާފިއު ހިންގަން ވަނީ އެޗްޕީއޭއިން އިއުލާން ކޮށްފައެވެ. އެޗްޕީއޭން ވަނީ އެރަށުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލަން އަންގާ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުމަށް ވެސް އަންގާފައެވެ.
މީގެ އިތުރުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް އެ އެޖެންސީން ވަނީ އަންގާފައެވެ. ފުވައްމުލަކު ސިޓީގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލަން ވެސް ވަނީ އަންގާފައެވެ. އަދި މީގެ އިތުރުން ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން މިހާރުން މިހާރަށް ބަންދުކޮށް ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުމަށް ވެސް އެޗްޕީއޭން ވަނީ އަންގާފައެވެ.