މަޝްހޫރު މަހުޖަނު ބިލް ގޭޓްސް ބުނާ ގޮތުގައި، މޫސުމާ ބެހޭ ގޮތުން ކޮންމެ މީހަކަށްވެސް އެނގެން ޖެހޭ 2 ނަންބަރެއް އޮވެއެވެ. އެއީ "51 ބިލިއަނާއި 0" ކަމަށް ގޭޓްސް ބުނެއެވެ.

މައިކްރޮސޮފްޓްގެ ބާނީ ބުނާ ގޮތުގައި، އިންސާނިއްޔަތަށް މިވަގުތު ކުރެވެން އޮތް އެންމެ އާދަޔާ ހިލާފު ކަމަކީ މޫސުމީ ނޭދެވޭ ބައްދަލުތަކަށް ހައްލު ހޯދާ ދިނުމެވެ.

މިއަދު މުޅި ދުނިޔެއަށް ކުރިމަތިލާންޖެހިފައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ބަލިމަޑުކަމަކީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް ވުރެ ހައްލު ކުރަން ފަސޭހަ ކަމެއް ކަމަށްވެސް ގޭޓްސް ވަނީ ސިފަކުރައްވާފައެވެ.

ގޭޓްސް ވަނީ މި ގޮންޖެހުންތަކުގެ ބޮޑު ކަމާ މެދު ފަރުވާ ކުޑަ ނުކުރުމަށްވެސް އިލްތިމާސް ކޮށްފައެވެ. ކުރިއަށް އޮތް 30 އަހަރެއްހާ ދުވަހަކީ ތާރީހު ނުދެކޭ ވަރުގެ ބަދަލަކާ ކުރިމަތިލާންޖެހިދާނެ ދުވަސްތަކެއް ކަމަށް ގޭޓްސް ބުނެއެވެ.

ކަން މިހެން އޮތްއިރު، ގޭޓްސް އެބުނާ "51 ބިލިއަނާއި 0" ގެ މާނައަކީ ކޮބައި ހެއްޔެވެ؟ "51 ބިލިއަން" އަކީ، ދުނިޔޭގެ ވައިގެ ފަށަލަ (އެޓްމޮސްފިއާ)ގެ ތެރެއަށް ދުނިޔެއިން، އަހަރެއްގެ މައްޗަށް ދޫކޮށްލާ ވިހަ ގޭހުގެ މިންވަރެވެ. 51 ބިލިއަން ޓަނެވެ. "0" އަކީ މިއަދަދު އޮތުމަށް އަމާޒު ކަނޑައަޅާފައިވާ "ނެޓް ޒީރޯ"ގެ މިންވަރެވެ. ދުނިޔެއަށް ބޭރު ކުރާ ވިހަ ގޭހުގެ މިންވަރު އަލުން އަނބުރާ ދަމައިގެން، ބެލަންސް، ސުން ރޭޓަށް ތިރި ކުރުމެވެ.

މި އަމާޒަށް ވާސިލުވެވެން އޮތް އެއް ގޮތަކީ ގަސް އިންދުމެވެ. ގަސްގަހާ ގެއްސަކީ އޭގެ ފަތްތަކުގެ ޒަރިއްޔާއިން ކާބަންޑައިއޮކްސައިޑް ދަމާ ދިރުމެކެވެ.

ގޭޓްސް މިސްރާބު ޖަހާފައި ވަނީ، މިކަން ހާސިލު ކުރާނެ ޓެކްނޮލޮޖީ ތައާރަފު ކުރުމަށެވެ. އެގޮތުން، ވަޔާއި އިރުން ހަކަތަ އުފެއްދުމަކީ ޖައްވު ތެރެއިން ކާބަން މަދު ކުރެވެން އޮތް އެއް ގޮތް ކަން ގޭޓްސް ފާހަގަ ކުރެއެވެ. ނަމަވެސް، ކަރަންޓު ހިއްސާ ކުރަނީ ވިހަ ގޭހުގެ އެންމެ 30 ޕަސެންޓް ކަންވެސް ގޭޓްސް ފާހަގަ ކުރެއެވެ. 70 ޕަސެންޓް ހިއްސާ ކުރާ ބޮޑެތި ސިނާއަތްތައްވެސް މި ރާގަށް ބަދަލުވާން ޖެހެއެވެ. ނަމަވެސް، މި ހިނދުން މި ހިނދަށް އެކަން ކުރެވޭކަށް ނެތެވެ.

މި މައްސަލައަށް ހައްލު ވާން އޮތީ ދުނިޔެ ނުދެކޭ ވަރުގެ އިންގިލާބެއް ގެނެސްގެން ކަމަށް ގޭޓްސް ބުނެއެވެ. އަދި މިކަން ފެށެން ޖެހޭނީ ސަރުކާރުތަކާ ހިސާބުން ކަމަށްވެސް ގޭޓްސް ވަކާލާތު ކުރެއެވެ.