ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.
ޕީޖީން ބުނީ މިދިޔަ ޑިސެމްބަރު މަހު ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަހިއްޔުއާއި ރ. އިންގުރައިދޫ، އެލެސްކާ، މުހައްމަދު ވިސާމް އިސްވެހުރެ، "މަސްޖަރީ 2" ނަމަކަށްކިޔާ ދޯންޏެއްގައި ބަރުދަނުގައި 72 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މިމައްސަލާގައި ހިމެނޭ 10 މީހުންނަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު އޭގެ ތެރެއިން ތިން މީހަކަށް ވަނީ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ:
- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު (32އ)
- ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް (28 އ)
- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު (38އ)
- ކ. މާލެ / މއ. ކަނޑޫގެ، އަލީ އަހުމަދު (37އ)
- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުހައްމަދު އަކްރަމް (27އ)
- ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް (26އ)
- ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް (34އ)
- ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން (33އ)
- ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު (35އ)
- ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން (30އ)
ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ:
- ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަހުމަދު ނަސީރު
- ކ. މާލެ، ހ. ގާޑްންބިޔުޓީ، މުހައްމަދު އަކްރަމް
- ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފް
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ހަރަކާތްތެރި ވަމުންދަނިކޮށް "މަސްޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެގޮތުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައި ވަނިކޮށް ފުލުހުން ވަނީ ހޯދާފައެވެ. މި އޮޕަރޭޝަނުގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.
މި އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތައް ވެސް ވަނީ ބަލައި ފާސްކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު ދެ ކާރަކާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކޮށްފައި ވެއެވެ. އަދި މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރި ވަމުން ދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުން ކަމަށް ފުލުހުން ބުނެއެވެ.