ޒަވާޖީ ހަޔާތަށް ފަހު ޝާހީ އަމީރު ކަމުގެ ހުރިހާ ލައްޒަތެއް ދޫކޮށްލި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ ދެމަފިރިންނަށް، ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފިއެވެ.

ހެރީއާއި މަޝްހޫރު ބަތޮލާ މޭގަން މާކެލްއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފައި ވަނީ އެ ދެމަރިފިންގެ ތަރުޖަމާނެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އުމުރުން 36 އަހަރުގެ ހެރީއާއި، އުމުރުން 39 އަހަރުގެ މޭގަން، ޝާހީ ލަގަބުތައް ދޫކޮށްލީ ޖެނުއަރީ 2020 ގައެވެ. އަދި އަލަތު ދަރިފުޅު، އާޗީއާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރިއެވެ.

ތަރުޖަމާނު ބުނީ، އާޗީ ބޭބެއަކަށް ވާ ކަން ކަށަވަރު ވެފައި ވާ ކަމަށާ، ހެރީއާއި މޭގަންވެސް ތިބީ އިންތިހާއަށް އުފާވެފައި ކަމަށެވެ.

އާޗީ އުފަންވީ މެއި 2019ގައެވެ.

ބަކިންގްހަމް ޕެލަސްގެ ތަރުޖަމާނަކު ވިދާޅުވީ، ހެރީއާ މޭގަންއަށް ދެވަނަ ދަރިއަކު ލިބޭ ކަމުގެ ހަބަރާއެކު، ރާނީ އެލިޒަބަތާއި ފިރިކަލުން ޕްރިންސް ފިލީޕްއާއި ޕްރިންސް ޗާލްސްވެސް މި އުފުލުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ޑިސެންބަރު 2020 ގައި މޭގަންވަނީ، އެ އަހަރުގެ ޖުލައި މަހު، ބައިގެން ދިއުމުގެ ހިތްދަތި ތަޖުރިބާ އޭނާ ކުރިކަން އިއުލާން ކޮށްފައެވެ. ނޫހެއްގެ ކޮލަމެއްގައި މޭގަން މިކަން ހާމަ ކުރުމާއެކު، ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށް، ހިތްވަރު ދީފައެވެ.