ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ، ފައިޒާ/ބައޮއެންޓެކްއާއި މޮޑާނާ ފަދަ، އެމްއާރްއެންއޭ ވެކްސިން، މާ ބަނޑު ދުވަސްވަރު ބޭނުން ކުރުމުން، މައިމީހާގެ ބަނޑުގައިވާ ދަރިފުޅަށް، މަތީ މިންވަރަކަށް އެންޓިބޮޑީޒް ފޯރުކޮށްދޭ ކަމަށް ދިރާސާއެއް ބުނެފިއެވެ.
އަލަށް އުފަންވި ކުދިންގެ ހަށިގަނޑުގައި، ދިރާސާޣެ ބޭނުމަށް ހެދި ޓެސްޓުތަކުން ދައްކާ ގޮތުގައި، އުފަންވީއިރުވެސް 36 ކުއްޖެއްގެ ހަށިގަނޑުން ކޮވިޑް-19ގެ އެންޓިބޮޑީޒް ވަނީ ފެނިފައެވެ. އަދި އެކުދިންގެ ހަށިގަނޑަށް އެންޓިބޮޑީޒް ވާރުތަ ކޮށްފައި ވަނީ، މައިމީހާގެ ހަށިގަނޑަށް ޖެހި ފައިޒާ/ބައޮއެންޓެކްއާއި މޮޑާނާ ވެކްސިނުން ކަން ވަނީ ހާމަވެފައެވެ.
އެންޓިބޮޑީޒް ހުރި މިންވަރު ޓެސްޓު ކޮށްފައި ވަނީ، މާބަނޑު ދުވަސްވަރު، އަންހެން މީހާގެ ބަނޑުގައި ވާ ފޫޅުދަނޑީގެ ލޭ ބޭނުން ކޮށްގެންނެވެ. މިކަން ކޮށްފައި ވަނީ، އެންޓިބޮޑީޒް ވާރުތަ ކުރީ، ކުރިން ބަލި ޖެހިގެން ތޯ ނުވަތަ ވެކްސިނުން ތޯ ބެލުމަށެވެ.
ދިރާސާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެންވައިޔޫ ލެންގޯން ހެލްތު ސިސްޓަމްގެ އޮބްސްޓްރެޓީޝަން، އޭޝްލީ ރޯމާން ވިދާޅުވީ، މިވަގުތު އިރުޝާދު ދެމުން ދަނީ، މާބަނޑު ދުވަސްވަރު މައިމީހާގެ ސިއްހަތަށްޓަކާ ވެކްސިން ޖެހުމަށް ކަމަށެވެ. ނަމަވެސް ދިރާސާގެ ހޯދުންތަކުގެ ނަތީޖާ ވަރަށްވެސް އާދަޔާ ހިލާފު ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
މި ދިރާސާއަކީ، މާބަނޑު ދުވަސްވަރު ކޮވިޑް ވެކްސިން ޖެހުމަށް ގިނަ އަދަދެއްގެ އަންހެނުންނަށް ހިތްވަރު ދެނިވި ދިރާސާއަކަށް ވާނެ ކަމަށް ބެލެވެއެވެ.
ސެޕްޓެމްބަރު 11 ވަނަ ދުވަހު އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އުމުރުން 18 އަހަރާއި 49 އަހަރާ ދެމެދުގެ މާބަނޑު އަންހެނުންގެ ތެރެއިން ކޮވިޑް ވެކްސިން ޖަހާފައި ވަނީ އެންމެ 30 ޕަސެންޓް މީހުންނެވެ.
ދިރާސާގައި ބޭނުން ކުރީ އަދަދުގެ ގޮތުން މަދު މިންވަރެއްގެ ސާމްޕަލް ކަމަށް ވާއިރު، ދިރާސާ ޓީމުން މިހާރު އަމާޒު ހިފާފައި ވަނީ ދިރާސާ އިތުރު ފުޅާ ކުރުމަށެވެ. އަދަދު އިތުރު ކުރުމުގެ، އެންޓިބޮޑީޒްއިން ލިއްބައިދިން ދިފާއު، ކިހާ ދުވަހެއް ވަންދެން ހުރޭތޯ ބެލުމަށްވެސް ދިރާސާ ޓީމުން ވަނީ އަމާޒު ހިފާފައެވެ.