އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި މުޒާހަރާއިން 13 މީހަކު ހައްޔަރުކޮށްފިއެވެ.

ކޯލިޝަނުން ބުނީ މިއަދު ހައްޔަރު ކުރި މީހުންގެ ތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު އާއި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި އަދި ނައިބު ރައީސުން ހިމެނޭ ކަމަށެވެ.

މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހައްޔުކުރި އެންމެން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޕާޓީގެ ރައުސުލްމާލުގެ ތެރޭގައި ހިމެނޭ ދިވެހި ގައުމީ ދިދަ އާއި ދިދަ ދަނޑިތައް ފުލުހުން އިހުތިޖާޖުގެ ބައިވެރިންގެ އަތުން އަތުލާފައިވާ ކަމަށާއި ދިދަ އާއި ދިދަ ދަނޑި އަތުލަން ފުލުހުން މަސައްކަތް ކުރަމުން ދިޔަ އިރު ބައިވެރިންނަަށް ބޮޑެތި އަނިޔާ ލިބިފައިވާ ކަން އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ.

އިދިކޮޅުން ބުނީ ރައްޔިތުންގެ ހަގުގައި އެކި ކަންކަމާ މެދު އަޑުއުފުލުމަށްޓަކައި ސުލްހަވެރި ކަމާއެކު އިހުތިޖާޖު ކުރުމަށް ކޯލިޝަނުން އިންތިޒާމު ކުރާ ހިނގާލުންތަކާއި އެއްވުންތައް ކުރިއަށް ގެންދިޔަ ނުދިނުމަށްޓަކައި ސަރުކާރުން ތަކުރާރު ކޮށް ފުލުހުންނަށް ޣައިރު ގާނޫނީ އަމުރު ކުރަމުން ގެންދާ ކަމަށެވެ.

އެ ކޯލިޝަންގެ ސިލްސިލާ އެއްވުންތަކާއި އިހުތިޖާޖުތަކަކީ ސުލްހަވެރި އިހުތިޖާޖު ތަކެއް ކަމަށާއި އިހުތިޖާޖުތައް ކުރިއަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅުން އިއްޔެ ވެސް ވަނީ މާލޭގައި މުޒާހަރާ ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލައިފައެވެ.