ފެބުރުއަރީ 2 ވަނަ ދުވަހު މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތް ކުށްވެރި ކޮށް، އެ ބަޣާވާތުގެ ތެރެއިން ހައްޔަރު ކޮށްފައިވާ ސިޔާސީ ޝަހްސުން، އެއްވެސް ޝަރުތަކާ ނުލާ މިނިވަން ކުރުމަށް ގޮވާލާ ގަރާރު، އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް (ޔޫއެންއެޗްއާރްސީ)އަށް ބަލައިގެންފިއެވެ.

އެއްވެސް ވޯޓަކާ ނުލާ ބަލައިގަތް ގަރާރާ ގުޅިގެން ޔޫއެންއެޗްއާރްސީއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، 8 ނޮވެންބަރު، 2020 ގައި މިޔަންމާގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުން އެކުލަވާލި ރައްޔިތުންގެ ސަރުކާރު، ބަޣާވާތަކުން ވައްޓާލި ވައްޓާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މަޖިލިސް މެންބަރުންގެ މައްސޫލިއްޔަތު އަދާ ކުރެއްވުމަށް އަޅާފައިވާ ހުރަސްތަކަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔޫއެންއެޗްއާރްސީއިން ބުނެއެވެ. މީގެ އިތުރުން، މިޔަންމާގައި ޑިމޮކްރަޓިކް އުސޫލުން އެކުލަވާލި ސަރުކާރު އިޔާދަ ކުރުމަށްވެސް ގޮވާލާފައެވެ.

ފެބުރުއަރީ 2 ވަނަ ދުވަހުގެ ބަޣަވާތާއެކު މިޔަންމާގެ ޑިމޮކްރަޓިކް ލީޑަރުގެ ގޮތުގައި ސިފަކުރަމުން އަންނަ އާންގް ސަން ސޫޗީއާއި ރައީސް ވިން މިޔިންޓާއި އަދިވެސް އިތުރު ސިޔާސީ ޝަހްސުން ހައްޔަރު ކޮށްފައި ވާއިރު، އެއްވެސް ޝަރުތަކާ ނުލާ އެ ފަރާތްތައް މިނިވަން ކުރުމަށް ޔޫއެންއެޗްއާރްސީއިން ވަނީ ގޮވާލާފައެވެ. އަދި މިޔަންމާގެ އަސްކަރިއްޔާއިން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަމުރު އުވާލުމަށާ، އިންސާނީ ހައްގުތަކާއި ގާނޫނުން ވެރިކަން ހިންގުމުގެ ހުކުމްތަކަށް އިހުތިރާމް ކުރުމަށްވެސް އދގެ ކައުންސިލުން ވަނީ ގޮވާލާފައެވެ.

މިޔަންމާގެ ސިޔާސީ މަސްރަހުގައި ހިންގަމުންދާ ޖަރީމާތަކަށް ނިމުން ގެނައުމަށް އދއިން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން އެ ބަޣާވާތް ކާމިޔާބު ވިޔަ ނުދިނުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ މިޔަންމާގެ ބަޣާވާތާ ދެކޮލަށް އަޑުއުފުލަމުންނެވެ.

މިޔަންމާގެ ބަޣާވާތާ ގުޅިގެން ދިވެހި ސަރުކާރުގެ ބަހެއް ހޯދުމަށް ދަ ޕްރެސްއިން ކުރާ މަސައްކަތަށް އަދި އެއްވެސް ވަރެއްގެ އިޖާބައެއް ލިބިފައެއް ނުވެއެވެ.