ސިފައިންގެ ލަފާދޭ މަޖިލީހަށް ފުރަތަމަ ފަހަރަށް ދެ އަންހެން ސިފައިން އައްޔަނުކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއާ ރޭންކްގެ ދެ އަންހެނުން އައްޔަނު ކޮށްފައިވާ ކަމަށެވެ. އައްޔަނުކުރި އަންހެން އޮފިސަރުންގެ ތެރޭގައި ހިމެނެނީ ލެފްޓިނެންޓް ކާނަން ހައްވާ ޝަހީން އާއި ކާނަލް ޑޜ. ފާތިމަތު ތަހުސީން އިބްރާހިމް ކަމަށެވެ.
ފުރަތަމަ ފަހަރަށް އަންހެނަކު ސިފައިން ލަފާދޭ މަޖިލީހަށް އައްޔަނުކޮށްފައި ވާއިރު، މި އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މަޖިލިސް ކުރާ ގެއަށް ވަޑައިގަތުމުގެ ކުރިން ސިފައިންގެ ފަރާތުން އެރުވި އޮނާ ގާޑް އަކީ ސިފައިންގެ ތާރީހެއްގައި އެންމެ ގިނަ އަންހެން ސިފައިން ހޯނާ ގާޑްއެއްގައި ބައިވެރިވި ފުރަތަމަ ފަހަރު ވެސް މެއެވެ.
އެ ރަސްމިއްޔާތުގައި އެރުވި އޮނާ ގާޑްގައި 17 އަންހެން ސިފައިން ބައިވެރިވެފައވާއިރު ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ރައީސް ސޯލިހުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން މިއަހަރު ރެކޯޑް އަދަދަކަށް އަންހެން ސިފައިން ވަނީ މަގާމުގެ ކުރިއެރުން ވެސް ހާސިލްކޮށްފައެވެ.
އެެގޮތުން މަގާމުގެ ކުރިއެރުން ލިބުނު އޮފިސަރުންގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމް ހާސިލް ކުރި ތިން އަންހެނުން ހިމެނެއެވެ. އެތިން ފަރާތަކީ ލެފްޓިނެންޓް ކާނަލް ހައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަހްސީނާ އިބްރާހީމް އަދި ލެފްޓިނެންޓް ކާނަލް ޑރ. އައިމިނަތު ޝުމްރާއެވެ.