މިނިވަން ކަމާއެކު އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުމުގެ ހުއްޖަތެއްގެ ގޮތުން، 83 ގައުމެއްގެ ސަރުކާރުތަކުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)، އުޒުރަކަށް ހަދަމުން އަންނަ ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ބުނީ ސަރުކާރުތަކަށް ފާޑުކިއާ ފަރާތްތަކަށް ހަމަލާ ދީ، ހައްޔަރުކޮށް، ނާއިންސާފުން ޝަރީއަތް ހިންގުމުގެ އިތުރުން ބައެއް ހާލަތްތަކުގައި، ފުރާނަ ދުއްވާލުމުގެ ޖަރީމާވެސް ހިންގާފައި ވާ ކަމަށެވެ. މި އަމަލުތަކުގެ ޝިކާރައަކަށްވީ މީހުންގެ ތެރޭގައި ނޫސްވެރިންނާ، އެކްޓިވިސްޓުންގެ އިތުރުން، ސިއްހީ ހިދުމަތްތެރިންނާއި، ސިޔާސީ އިދިކޮޅު ފަރާތްތަކުގެ އިތުރުންވެސް، ކޮވިޑް-19ގެ އިޖާބައާ ގުޅިގެން ސަރުކާރުތަކަށް ފާޑުކީ މީހުން ހިމެނޭ ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެއެވެ.

ޗައިނާގެ މައި ސަރުކާރާ ދެކޮޅަށް ޓިބެޓްގައި ކުރާ މުޒާހަރާތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓުމަކީ ޗައިނާއަށް ހަޖަމް ކުރެވޭ ކަމެއް ނޫން / ފޮޓޯ: އެސްސީއެމްޕީ

ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް ކްރައިސިސް އެންޑް ކޮންފްލިކްޓް ޑައިރެކްޓާ، ގޭރީ ސިމްސަންސް ވިދާޅުވީ، ސަރުކާރުތަކުން ކޮވިޑް-19އާ ކުރިމަތިލާންވީ މާސްކު އަޅަން އާންމުންނަށް ހިތްވަރު ދީގެން ކަމަށާ، އެއްވެސް ހާލެއްގައި "އަނގަބަންދު" ކުރުވައިގެންނޫން ކަމަށެވެ.

ބަލިމަޑުކަމަށް ނިމުމެއް ގެނައުމަށް އެއްވެސް ކަމެއް ނުކުރާތަނުގައި، ސުލްހަވެރި ރޫހެއްގައި ސަރުކާރަށް ފާޑުކިއުންތައް އަމާޒު ކުރާ ފަރާތްތަކަށް އަނިޔާކޮށް، ހައްޔަރުކޮށް، ނާއިންސާފުން އަނިޔާދިނުމަކީ އަސާސީ އިންސާނީ ހައްގުތައް ނިގުޅައިގަތުން ކަމަށް ވެސް ސިމްސަންސް ވަނީ ސިފަ ކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް ސަރުކާރުތަކުން ދިން އިޖާބައަށް ފާޑުކިއުމުގެ ސަބަބުން ޗައިނާއާއި މިސްރު ފަދަ ގައުމުތަކުގައި މީހުން ޖަލުގައި އެބަތިބި ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެއެވެ. އެގޮތުން، ކޮވިޑް-19ގެ ބަލިމަޑުކަން ޗައިނާގައި އެންމެ ގަދައަށް ފެތުރިގެން ދިޔަ ދުވަސްވަރު، އެ ހަބަރުތައް ބައިނަލްއަގުވާމީ މުޖުތަމައަށް ތިލަކޮށްދެމުން ދިޔަ މިނިވަން ނޫސްވެރިޔާ، ޝާންގް ޝަންއަށް ޗައިނާގެ ސަރުކާރުން ޖެއްސި ހާލު، ހިއުމަން ރައިޓްސް ވޮޗްއިން ފާހަގަ ކުރެއެވެ.

ގާނޫނު ހަދާ މަޖިލިސް އުވާލުމާ ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރާ ދެކޮޅަށް އެ ގައުމުގައި ކުރިއަށް ދާ ބޮޑު މުޒާހަރާގެ ތެރެއިން / ފޮޓޯ: ސަންޗަރްކަރްމީ

ޗައިނާއިން ވަނީ ޝާންގްގެ މައްޗަށް 4 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ބުނީ، 18 ގައުމެއްގެ ފުލުހުންނާއި ސިފައިން، ޖިސްމާނީ ގޮތުން، މަދަނީ މުޖުތަމައަށް އަނިޔާ ދީފައި ވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ކޮވިޑް-19ގެ އިޖާބައަށް ފާޑުކީ ފަރާތްތައް ކަމަށް ހަބަރު ލިބެއެވެ. އަދި އާންމު ސިއްހަތުގެ މައުލޫމާތު ލިބިގަތުމަށްވެސް ބައެއް ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކުން ހުރަސް އަޅާފައި ވާ ކަން ވެސް، ހިއުމަން ރައިޓްސް ވޮޗްއިން ފާހަގަ ކުރެއެވެ.

މި މޭރުމުން ހިއުމަން ރައިޓްސް ވޮޗްއިން ވަނީ، މިކަމާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގާ، ރިޕޯޓެއް އެކުލަވާލުމަށް އިންސާނީ ހައްގުތަކާ ބެހޭ އދގެ ކޮމިޝަނަށް ގޮވާލާފައެވެ.