މިޔަންމާގެ އަސްކަރިއްޔާއާ "އަތާއި އަތް ގުޅާލުމަށް" އަސްކަރީ ލީޑަރު، ޖެނެރަލް މިން އާންގް ހަލައިންގް ގޮވާލި ގޮވާލުމަށް ފުރަގަސްދީ، މިޔަންމާގެ އާންމު ރައްޔިތުން، އަސްކަރިއްޔާއާ ދެކޮލަށް ކުރާ މުޒާހަރާތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

މިޔަންމާގެ ރައްޔިތުން އަސްކަރިއްޔާއާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނީ މިމަހުގެ 2 ވަނަ ދުވަހު އަސްކަރިއްޔާއިން ބަޣާވާތްކޮށް، ޑިމޮކްރަޓިކް ސަރުކާރުގެ ލީޑަރުން ހައްޔަރުކޮށް، އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް ގައުމު ގެންދިއުމާ ގުޅިގެން، އެކަމާ ދެކޮޅަށެވެ.

މިޔަންމާގައި ފާހަގަ ކުރަމުންދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް، "ބައިބައިވުން" ނައްތާ، "އެއްބައިވަންތަ" ވުމަށް ހަލައިންގް ގޮވާލި ނަމަވެސް، އެ ގޮވާލުމާ ދެކޮޅަށް މިޔަންމާގައި ވަނީ އާ މުޒާހަރާތަކެއް ފަށާފައެވެ.

މިޔަންމާގެ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމުގެ ނަމުގައި، މިޔަންމާގެ އަސްކަރިއްޔާއިން ވަނީ، 23000 އެއްހާ ގައިދީންނަށް އަފޫއާންމު ދީފައެވެ. މީގެ ތެރޭގައި 55 ބިދޭސީންވެސް ހިމެނެއެވެ.

ހަލައިންގް ބުނާ ގޮތުގައި މުޒާހަރާތަކަކީ ބަޔަކު ނަފުރަތު އުފައްދައިގެން ކުރާ ކަމެކެވެ. އަދި މިކަމުގެ ޖަޒުބަތުގައި ނުޖެހި، ގައުމަށް ހިދުމަތް ކުރަން ނިކުތުމަށްވެސް ހަލައިންގް ވަނީ މިޔަންމާގެ އާންމުންނަށް ގޮވާލާފައެވެ. ނަމަވެސް، މިޔަންމާގެ ރައްޔިތުން، މި ގޮވާލުމަށް ދިނީ ބީރު ކަންފަތެކެވެ.

ހައްޔަރު ކޮށްފައިވާ ލީޑަރުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާތައް މިއަދުވެސް ދަނީ ކުރިއަށެވެ. މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް މިޔަންމާގެ ފުލުހުން ރަބަރު ވަޒަން ބޭނުން ކުރި ކަމުގެ ހަބަރުވެސް މިހާރު ދަނީ ލިބެމުންނެވެ.

މިޔަންމާގެ ބަޣާވާތް ކުށްވެރި ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަޑު އުފުލަމުން ދާއިރު، އދގެ ސަލާމަތީ މަޖިލީހުން މިއަދުވެސް މިކަމާ ގުޅޭ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.