ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ސެނެޓް) އަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު، ކުރިއަށް އޮތް މާޗް މަހުގެ 3 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ތާވަލުކޮށް، އެ ގައުމުގެ އިންތިހާބުތަކާ ބެހޭ ފަރާތްތަކުން އެކަން އިއުލާން ކޮށްފިއެވެ.

104 މެންބަރުންގެ މައްޗަށް އެކުލެވޭ ޕާކިސްތާނުގެ ސެނެޓުން، 52 މެންބަރަކު، މަޗް 11 ދުވަހު އެ މަގާމުން ވަކިވެވަޑައިގަންނަވާނެއެވެ. އެއީ 6 އަހަރު ދުވަހުގެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހުގައެވެ. މީގެ ތެރޭގައި، ފެޑަރަލީ އެޑްމިނިސްޓާޑް ޓްރައިބަލް އޭރިއާޒް (ފާޓާ) ލިސްޓުން 4 މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. މި ދާއިރާއަކީ މިހާރު ހައިބަރު-ޕަހްތުންހަވާއާ ގުޅާލާފައިވާ ދާއިރާއެއް ކަމުން، މި ދާއިރާތަކަށް އާ މެންބަރުން އިންތިހާބު ނުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. މިއާއެކު، ޕާކިސްތާނުގެ ސެނެޓްގެ މެންބަރުންގެ އަދަދު 100 އަށް ބަދަލު ވާނެއެވެ.

މާޗް މަހުގެ 3 ވަނަ ދުވަހަށް ޕާކިސްތާނުގެ ސެނެޓް އިންތިހާބު ތާވަލުކޮށް، އެކަން އިއުލާން ކޮށްފައި މިވަނީ، ކޮރަޕްޝަން ކުޑަ ކުރުމަށް، އާންމު އުސޫލުން ވޯޓު ކަރުދާސް ބޭނުން ކޮށްގެން އިންތިހާބު ކުރިއަށް ގެންދިއުމާ މެދު އެ ގައުމުގެ މަސްރަހު ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލަ އުފެދިގެން އައީ ޕާކިސްތާނުގެ އިންތިހާބީ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން ކަމަށްވެސް ބުނެވެއެވެ. މިހާރު އޮތް އުސޫލުން، ބަލޫޗިސްތާނު ސަރަހައްދުން ސެނެޓަރަކަށް ވުމަށް އެންމެ 7 ވޯޓުންވެސް ފުދިދާނެ ކަމަށް ބުނެވެއެވެ.

މީގެ އިތުރުން، ހައިބަރު-ޕަހްތުންހަވާ ސަރަހައްދުގައި ފައިސާއަށް ވޯޓު ގަނެ/ވިއްކާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ، އޭނާގެ ޕާކިސްތާން ތަހްރީކީ އިންސާފު (ޕީޓީއައި) ޕާޓީގެ ރޫހާ ހިލާފުވި ކަމަށް ވިދާޅުވެ، މަޖިލީހުގެ 20 މެންބަރަކު ވަކި ކުރައްވާފައެވެ. ޕާކިސްތާނުގައި އޯޕަން ބެލަޓް ސިސްޓަމެއް ގާއިމު ކުރުމަށްވެސް ވަކާލާތު ކުރަމުން ދަނީ އިމްރާންގެ ޕާޓީއިންނެވެ. މިމައްސަލަ ވަނީ ސުޕްރީމް ކޯޓަށްވެސް ވައްދާފައެވެ.

މާޗް މަހުގެ 3 ވަނަ ދުވަހަށް އިންތިހާބު ތާވަލު ކޮށްފައި ވާއިރު، އެންމެންގެ ސަމާލުކަން މިހާރު ހުއްޓިފައި ވަނީ މި ކަމުގައި ސުޕްރީމް ކޯޓުން ނިންމާނެ ގޮތެއް ބެލުމަށެވެ.