މިޔަންމާގައި ވަރުގަދަ ކުރަމުންދާ މުޒާހަރާތައް ހުއްޓުމަކަށް ގެނެސް، ހުރިހާ އެންމެންވެސް ވަޒީފާއަށް ނިކުތުމަށް، ބަޣާވާތަކުން މިޔަންމާގެ ވެރިކަމާ ހަވާލުވެ ހުރި އެ ގައުމުގެ އަސްކަރީ ލީޑަރު، މިން އާންގް ހަލައިންގް ގޮވާލައިފިއެވެ.

މިމަހުގެ 2 ވަނަ ދުވަހު މިޔަންމާގެ އަސްކަރިއްޔާއިން ކުރި ބަޣާވާތަށްފަހު އެ ގައުމުގެ ކޮންޓްރޯލް ނަގައިގެން ހުރި ހަލައިންގް، މިކަމަށް ދެއްކި ހުއްޖަތަކީ، ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ބިރު އޮތުމެވެ.

މިޔަންމާގެ މަގުތަކުގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތަކަކީ، އަސްކަރިއްޔާގެ ބަޣާވާތާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ.

ގިނަ އަދަދެއްގެ ބަޔަކު، މި މުޒާހަރާތަކުގައި ބައިވެރިވަމުން ދާއިރު، ވަކި ބައެއްގެ ސަބަބުން އަނެއް ބަޔަކަށް ވަޒީފާގެ މައްސޫލިއްޔަތު އަދާ ނުކުރެވިފައި އެބަތިކިމަށް ހަލައިންގެ ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ހަލައިންގެ ވަނީ ދީފައެވެ. މި މޭރުމުން އިންޒާރު ދެމުން ހަލައިންގެ ވަނީ، ސިވިލް ސާވިސްގެ ވަޒީފާގައި ތިބި ހުރިހާ އެންމެ މުވައްޒަފުން މުޒާހަރާ ދޫކޮށް، ވަޒީފާއަށް ނިކިތުމަށް ގޮވާލާފައެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުން ފޯރިމަރަނީ / ފޮޓޯ: އޭޝިއާޓައިމްސް

މިފަދަ އިންޒާރެއް ހަލައިންގެ ދިން ނަމަވެސް، އެއަޑު މީހަކު މިޔަންމާގައި ނެތް ފަދައެވެ. މުޒާހަރާތައް އަދިވެސް ދަނީ ކުރިއަށް ކަމަށް ހަބަރު ލިބެއެވެ. މިޔަންމާގެ ހިކިފަސް ސަރަހައްދުން ބޭރަށް، މަސްބޯޓުތަކަށްވެސް މުޒާހަރާތައް ވަނީ ފެތުރިފައެވެ.

ހުސްވި ހަފުތާގެ ހޯމަ ދުވަހު މިޔަންމާގައި ކުރިއަށް ގެންދިޔަ ބަޣާވާތުގައި އެ ގައުމުގެ ޑިމޮކްރަސީ ލީޑަރު، އާންގް ސަން ސޫޗީއާއި އޭނާގެ ޕާޓީގެ އިސް ލީޑަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކެއް ވަނީ ހައްޔަރުކޮށްފައެވެ. މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސޫޗީގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް ސޫޗީއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ. މީގެ އިތުރުން، މިޔަންމާގެ ގާނޫނު ހަދާ މަޖިލީހުގެ އިތުރު މެންބަރުންތަކެއް ބުރާސްފަތި ދުވަހުގެ ވަގުތެއްގައިވެސް ހައްޔަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔަ ނޮވެންބަރު މިޔަންމާގައި ކުރިއަށް ގެންދިޔަ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ހިތްހަމަ ނުޖެހިގެން ބަޣާވާތް ކުރި އަސްކަރިއްޔާއިން ގައުމުގެ ކޮންޓްރޯލް ނަގާ، 1 އަހަރު ދުވަހަށް، ކުއްލި ނުރައްކާވެސް ވަނީ އިއުލާން ކޮށްފައެވެ.

މިޔަންމާގެ ބަޣާވާތް ކުށްވެރި ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަޑު އުފުލަމުން ދާއިރު، އދގެ ސަލާމަތީ މަޖިލީހުން މިއަދުވެސް މިކަމާ ގުޅޭ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.