ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތައް ބަންދުކޮށް، ރިމޯޓް ލާނިންގް އުސޫލުން އެކަހެރިކޮށް ކިޔަވައިދޭ ދިނުން ކުރިއަށް ގެންދަން ވެއްޖެނަމަ، އެމެރިކާގައި މިހާރު ތައުލީމު ހާސިލު ކުރާ އުމުރުފުރާގައި ތިބި ކުދިންނަށް މުސްތަގުބަލުގައި ލިބޭ އާމްދަނީ، 6-9 ޕަސެންޓަށް ދަށަށް ދާނެ ކަމުގެ އިންޒާރު، ސްޓޭންފާޑް ޔުނިވާސިޓީގެ ޕްރޮފެސަރަކު ދެއްވައިފިއެވެ.

ސްޓޭންފާޑް ޔުނިވާސިޓީގެ ހޫވާ އިންސްޓިޓިއުޝަންގެ ޕޯލް އެންޑް ޖީން ހެނާ ސީނިއާ ފެލޯ، ޕްރޮފެސާ އެރިކް ހަނޫޝެކް ވިދާލުވީ، ރިމޯޓް ލާނިންގް އުސޫލު ދިގުލާ ގޮސް، އިލްމު އުނގެނުމުގެ މަރުހަލާއިން އުނިވި ބައި ފޫ ބައްދާ ދިނުމަށް ސްކޫލްތައް ފެއިލްވެއްޖެ ނަމަ، މިހާރުގެ ދަރިވަރުންނަށް މާދަމާ ލިބޭ އާމްދަނީއަށް އެކަމުގެ އަސަރު ފޯރާނެ ކަމަށެވެ. ބަލިމަޑުކަމަށް ނިމުމެއް އައިސްފައި ނުވާއިރު، އެ ދަރިވަރުންނަށް ލިބޭ ގެއްލުން އެންމެ ފުރިހަމަ ގޮތުގައި ވަޒަން ކުރަން މިވަގުތު ދަތިކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މެސަޝޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން ކުރިއަށް ގެންދިޔަ "ކޮވިޑް-19 ޗެލެންޖާޒް އެންޑް އޮޕަޗޫނިޓީޒް އިން ކޭ-12 އެޑިއުކޭޝަން ސަމިޓް"ގައި ވާހަކަދައްކަވަމުން ޕްރޮފެސާ ހަނޫޝެކް ވިދާޅުވީ، މިހާރު އޮތް ރިމޯޓް ލާނިންގް އުސޫލާއި، ހައިބްރިޑް ނިޒާމަށް ބަލާއިރު، ސްކޫލަށް ހާޒިރު ކޮށްގެން ކިޔަވާ ދިނުން މަޑުޖައްސާލާފައި ވާއިރު، މިކަމަށް ދައްކަން ޖެހޭ ހަގީގީ އަގު، ނޭނގޭ ކަމަށެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު، ޕްރޮފެސާ ހަނޫޝެކް އެކުލަވާލެއްވި އަންދާޒާތަކަށް ރިއާޔަތް ކުރާއިރު، ދަރިވަރުންނަށް މުސްތަގުބަލުގައި ލިބޭ އާމްދަނީއިން އުނިވާނެ ކަމަށް ވަނީ 3 ޕަސެންޓެވެ. ނަމަވެސް މިއަދަދު މިހާރު ވަނީ 6-9 ޕަސެންޓަށް އިތުރުވެފައެވެ.

މާޒީއިން ބައެއް މިސާލުތައް ޖައްސަވަމުން ޕްރޮފެސާ ހަނޫޝެކްވަނީ، އާޖެންޓީނާގެ ސްކޫލްތައް ހަޅުތާލަށް ދިއުމުން ނުވަތަ ބޮޑު ހަނގުރާމައަށް ފަހު ޖަރުމަނުވިލާތުގެ އިގުތިސޯދަށް ލިބުނު ގެއްލުމުގެ އަސަރު، އެއާ ވިދިގެން އައި އެތައް އަހަރަކަށް ދެމިގެން ދިޔަ ކަމަށް އިޝާރާތް ކުރައްވާފައެވެ.

މިއީ އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިދިޔަ އޯގަސްޓް މަހު ޕްރޮފެސާ ހަނޫޝެކް ލަފާ ކުރެއްވި ގޮތުގައި މި ހިނގާ 21 ވަނަ ގަރުނުގައި ބާކީ އޮތް ކޮންމެ އަހަރަކު، އެމެރިކާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) އުޅޭނީ 1.5 ދަށުގައެވެ. ނަމަވެސް، މި އަދަދު މިހާރު ވަނީ 3 ނުބަތަ 4 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާ ކުރައްވާފައެވެ.