ދުބާއީން އައިސް ޏ. ފުވައްމުލަކުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި މީހާ އާ ގުޅިގެން އުފެދިފައިވާ ކްލަސްޓާއިން އިތުރު 8 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ޏ. ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، ރޭ 11:00 އާ ހަމައަށް ދުބާއީ ކްލަސްޓާއާ ގުޅުން ހުރި 20 މީހެއްގެ ސާމްޕަލް ނަގާ ޓެސްޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ސާމްޕަލް ތަކުގެ ތެރެއިން ރޭ 8 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު އެ ރަށުގައި ތިބި ދުބާއީ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 12 އަށް އަރާފައެވެ.

ދުބާއީން އައި މީހާ އެރަށުގައި ހޯމް ކަރަންޓީންގައި ހުއްޓާ ޕޮޒިޓިވްވެފައި ވަނީ މި ދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އޭނާ ޓެސްޓު ހަދާފައި ވަނީ ބަލީގެ އަލާމަތްތައް ހުރުމުގެ ސަބަބުންނެވެ. ނަމަވެސް މިހާރު އެ މީހާ ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކޭސްއަށް ފަހު މިދިޔަ އާދިއްތަ ދުވަހު އެ ސިޓީން ކޮވިޑަށް ޓެސްޓު ކުރުމަށް 150 ރެންޑަމް ސާމްޕަލް ވަނީ ނަގާފައެވެ. އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވް ވެފައި ވާ އިރު އެކަކަކީ ދުބާއީން އައިސް އެ ރަށުގައި ހޯމް ކަރަންޓީންގައި ހުއްޓާ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހެކެވެ.

ރެންޑަމް ސާމްޕަލް އިން ޕޮޒިޓިވްވި މީހާއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި އިތުރު ފަރާތްތަކެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރި އިރު އިއްޔެ ވަނީ 3 މީހަކު ޕޮޒިޓިވް ވެފައި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން އިއްޔެ ވަނީ ބުނެފައެވެ

މިދިޔަ އާދިއްތަ ދުވަހު އެ ރަށުން ނެގި ރެންޑަމް ސާމްޕަލް އިން 2 މީހަކު ޕޮޒިޓިވް ވެފައި ވާތީ އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައެވެ.

ދުބާއީއިން އައި މީހަކު ޕޮޒިޓިވްވެ ކްލަސްޓާއެއް އުފެދިފައި ވާއިރު ދުބާއީއަށް ޗުއްޓީ ހޭދަކުރަން ދިޔަ ދިވެއްސަކު ވަނީ ކޮވިޑް ޖެހިގެން މަރުވެސް ވެފައެވެ.