ދުބާއީން އައިސް ޏ. ފުވައްމުލަކުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި މީހާއާ ގުޅުން ހުރި އިތުރު 4 ކޭސް ފެނިއްޖެއެވެ.

ޏ. ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، މި މަހުގެ 7 ވަނަ ދުވަހު އެ ސިޓީން ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހާއަކީ ދޫބާއީ އިން އައިސް އެ ރަށުގައި ހޯމް ކަރަންޓީންގައި ހުއްޓާ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހެއް ކަމަށެވެ. އެހެންކަމުން އެ ކޭސްއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި އިތުރު ފަރާތްތަކެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރި އިރު މިއަދު އިތުރު 3 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެ ކްލަސްޓާއިން ފެނުނު ފުރަތަމަ ކޭސް ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން ދުބާއީ ކްލަސްޓާގައި މިހާރު ތިބީ ފަހުން ޕޮޒިޓިވްވި 4 މީހުން އެކަންޏެވެ. މި މަހުގެ 7 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލް އިން 2 މީހަކު ޕޮޒިޓިވްވެފައި ވާތީ އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ.

ދުބާއީން އައި މީހާ އެރަށުގައި ހޯމް ކަރަންޓިންގައި ހުއްޓާ ޕޮޒިޓިވްވެފައި ވަނީ މި ދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އޭނާ ޓެސްޓު ހަދާފައި ވަނީ ބަލީގެ އަލާމަތްތައް ހުރުމުގެ ސަބަބުންނެވެ.

ދުބާއީއިން އައި މީހަކު ޕޮޒިޓިވްވެ ކްލަސްޓާއެއް އުފެދިފައިވާއިރު ދުބާއީއަށް ޗުއްޓީ ހޭދަކުރަން ދިޔަ ދިވެއްސަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.