ރަސްމީ ދަތުރެއްގައި ބަންގްލަދޭޝްއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމުގައި ޝާހިދު ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަލާމާއި ހެޔޮ އެދުން، ޝައިހު ހަސީނާއަށް ދަންނަވާފައެވެ. އަދި މިނިސްޓަރާއި މިނިސްޓަރުގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފުދަށް ބަންގްލަދޭޝްއިން އަދާ ކުރަމުން ދާ ހޫނު މެހެމާން ދާރީ ފާހަގަ ކުރައްވާ، އެކަމަށްވެސް ޝާހިދު ވަނީ ޝައިހު ހަސީނާއަށް ޝުކުރު އަދާ ކުރައްވާފައެވެ.
ބަންގްލަދޭޝްގެ ބާނީގެ ގޮތުގައި ސިފަކުރަމުން އަންނަ ބަންގަބަންދު ޝައިހު މުޖީބުއް ރަހުމާންގެ އުފަން ދުވަހަށް 100 އަހަރު ފުރުމާއި، ބަންގްލަދޭޝްގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރާ މުނާސަބާގެ މުބާރަކުބާދީވެސް ޝާހިދު ވަނީ ޝައިހު ހަސީނާއަށް ދަންނަވާފައެވެ.
ޝައިހު ހަސީނާއާއެކު މިއަދު ކުރިއަށް ގެންދެވި ބައްދަލުވުމުގައި ޝާހިދު ވަނީ، ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީ ފާހަގަ ކުރައްވާ، އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ވާހަކަ ފާހަގަ ކުރެއްވި ކަމަށް ސަރުކާރުން ހަބަރު ދެއެވެ.
މީގެ އިތުރުން، މޫސުމީ ނޭދެވޭ ބަދަލުތަކާއި ރޯހިންޏާ މުސްލިމުންގެ މައްސަލައާއި އެ ނޫންވެސް ދޭދޭ މަސްލަހަތު އެކުލެވޭ ކަންކަމުގައި ބަންގްލަދޭޝްއަށް ރާއްޖެއިން ދެމުންދާ އެއްބާރުލުން އެ ގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަންވެސް ޝާހިދު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރަށް އަރުވާފައެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާ ވަނީ، ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމަށް،ދިވެހިރާއްޖެއާއެކު ބަންގްލަދޭޝްގެ ސަރުކާރުންވެސް މަސައްކަތް ކުރަމުންދާނެ ކަމަށް، ޝާހިދުއަށް ދަންނަވާފައެވެ.
ފޮރިން މިނިސްޓަރު ޝާހިދު ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ބަންގްލަދޭޝްއާއިއެކު 2 ފަހުމްނާމާ (އެމްއޯޔޫ)އެއްގައި ވަނީ ސޮއިކޮށްފައެވެ.