ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި 17 އަހަރުގެ ކުޑަ ކުއްޖަކު މަރާލި މައްސަލައިގައި ހައްޔަރުކުރި ދެ މީހަކަށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ މާމެންދޫގައި ހިންގި މާރާމާރީ އާ ގުޅިގެން އިއްޔެ ހައްޔަރުކުރި 2 މީހުންނަށް ވެސް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދިފައިވާ ކަމަށެވެ.
މި މައްސަލާގައި ޖުމްލަ 5 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން މިދިޔަ ހޯމަދުވަހު ހައްޔަރުކުރި 3 މީހުންގެ ތެރެއިން 2 މީހަކަށް ކޯޓު އަމުރެއްގެ ދަށުން 15 ދުވަހުގެ މުއްދަތު ދީފައެވެ. އަދި 3 ވަނަ މީހާއަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
އެ މާރާމާރީގައި މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަހުމަދު އުދައްޔު، 17 އެވެ.
ފުލުހުން ބުނީ އެރޭ އިރާކޮޅު ހިންގި އެ މާރާމާރީގައި 2 މީހަކު ޒަހަމް ވި ކަމަށެވެ. އަދި 2 މީހުންވެސް ފަރުވާ ދިނުމަށްޓަކައި ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މަރުވި ކުއްޖާ މަރުވެފައި ވަނީ ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. ނަމަވެސް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
އެރޭ 10:00 ހާއިރު ހިންގި އެ މާރާމާރީގައި ޒަހަމް ކޮށްލި ދެވަނަ މީހަކީ އުމުރުން 21 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އެއީ ރޭ މަރުވި އުދައްޔުގެ ބޭބެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މާމެންދޫގައި ހިންގި މާރާމާރީގެ މައްސަލަ ކުރިއަށް ދާއިރު މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާ، އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.