ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ފުވައްމުލައް ސިޓީން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން ދަޑިމަގު އޮކާޒް ފިހާރައަށާއި ފުވައްމުލަކު ޕޯސްޓް އޮފީހަސް ޒިޔާރަތް ކުރި މީހުން ހޯދަން ފަށައިފިއެވެ.

އެރަށު ކައުންސިލުން ވަނީ، ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި ދަޑިމަގު އޮކާޒް ފިހާރަ އަދި ފުވައްމުލަކު ޕޯސްޓް އޮފީހަށް ޒިޔާރަތް ކޮށްފައިވާ ފަރާތްތައް ފުވައްމުލަކު ހޮސްޕިޓަލުގެ ނަންބަރު 9988232 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

ފުވައްމުލަކުން ޕޮޒިޓިވްވީ، އެރަށުން ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން 2 ސާމްޕަލް އެވެ. އަނެއް 148 ސާމްޕަލް ނެގެޓިވް އެވެ. ޕޮޒިޓިވްވެފައި ވަނީ އާންމުންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެ ފަރާތުން ކަމަށްވާތީ އެ ސީޓީގައި "ކޮމިއުނިޓީ ސްޕްރެޑް' އެއް އޮތުމުގެ ފުރުސަތު އޮތް ކަމަށް އެ ރަށު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެގޮތުން ޕޯސްޓް އޮފީހާއި އޮކާޒް ފިހާރައަކީ ވެސް ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރާ ތަންތަނެވެ.

މިއާއެކު ފުވައްމުލައް ސިޓީގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އޮފީސްތަކާއި ސްކޫލުތައް ބަންދުކޮށް، ކުޅިވަރު ހަރަކާތްތައް ބަންދުކޮށް ޖިމްތަކާއި ސެލޫންތައް ވެސް ވަނީ ބަންދު ކޮށްފައެވެ. އަދި ޕާޓީތަކާއި ހަފްތާތައް ބެއްވުން ހުއްޓާލުމަށާއި ޕާކުތަކާއި މައިޒާންތަކަށް ދިއުން ހުއްޓާލުމަށް އަންގާފައިވާއިރު، އެޗްޕީއޭގެ ގައިށްލައިނާ އެއްގޮތަށް މެނުވީ ވިޔަފާރި ކުރުމާއި ޓެކްސީ ކުރުން ވަނީ މަނާ ކޮށްފައެވެ. ހަމައެއާއެކު ރެސްޓޯރެންޓްތަކުން ޓޭކްއަވޭ އަދި ޑެލިވަރީ ފިޔަވައި އެހެނިހެން ހިދުމަތްތައް ދިނުން ހުއްޓާލުމަށާއި، ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުނިކުތުމަށް ވެސް އެރަށު ކައުންސިލުން ވަނީ އަންގާފައެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކި ފުވައްމުލައް ސިޓީ މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ. ހަމައެއާއެކު، ކައިރީގައި އޮތް އައްޑޫ ސިޓީ އާއި ހުވަދު އަތޮޅު ތިނަދޫ ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެއީ އައްޑުއިން ފެނުނު ދެ ކްލަސްޓާއަކާ ގުޅިގެންނެވެ. މިހާތަަނަށް އައްޑުއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 49 އަށް އަރާފައެވެ.