ޏ. ފުވައްމުލަކުން ނެގި ދެ ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވެ، ރަށް މޮނިޓަރިންއަށް ލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ވިދާޅުވީ އެރަށުން ނެގި ރެންޑަމް 150 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެ ރަށް މިވަގުތު މޮނިޓަރިން އަށް ލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"150 ރެންޑަމް ސާމްޕަލް ޖުމްލަ ނެގީ، އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ފަރާތްތަކުގެ ތެރެއިން 2 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ"
ޑެޕިއުޓީ މޭޔަރު ޟިރާރު

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ރޯގާ ފެތުރިފައި ވޭތޯ ބެލުމަށް މިދިޔަ އާދިއްތަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ދެ މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރެންޑަމް ސާމްޕަލް ނަގާފައި ވަނީ އާންމުންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެ ފަރާތުން ކަމަށްވާތީ އެ ސީޓީގައި "ކޮމިއުނިޓީ ސްޕްރެޑް' އެއް އޮތުމުގެ ފުރުސަތި އޮތް ކަމަށް އެ ރަށު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ މިހާރު އިއުލާނުކޮށްފައެވެ.

ފުވައްމުލަކުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވާއިރު، އައްޑޫ ސިޓީންވެސް ވަނީ ކޮވިޑް ކޭސްތަކެ ފެނިފައެވެ. އެގޮތުން މިހާތަނަށް 49 މީހުން ޕޮޒިޓިވްވެފައިވާއިރު، މުޅި ސީޓީ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަންނަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ.