ހުސްވި ހަފުތާގެ ހޯމަ ދުވަހު މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތާ ދެކޮޅަށް މިޔަންމާގައި ކުރިއަށް ދާ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް، އެ ގައުމުގެ ފުލުހުން ބާރުގެ ބޭނުން ކޮށްފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް، ފުލުހުން ވަނީ ރަބަރު ވަޒަން ޖަހާފައެވެ. މުޒާހަރާތައް ރޫޅާލުމަށް މީގެ ކުރިން ބޭނުން ކުރީ ފެންބަޑިއެވެ.

މިޔަންމާގެ ކޮންޓްރޯލް ނަގާފައިވާ އަސްކަރިއްޔާއިން ވަނީ އާންމު އެއްވުންތައް ބޭނުން ކޮށްފައެވެ. އަދި ބައެއް ސިޓީތަކުގައި ރޭގަނޑުގެ ވަގުތުތަކުގައި ކާފިއުގެ އަމުރުވެސް ތަންފީޒު ކުރެއެވެ.

މިއިން އެއްވެސް އަމުރަކަށް ނުބަލާ، މިޔަންމާގައި ސިލްސިލާ މުޒާހަރާތައް ކުރިއަށްދާތާ މިއީ 4 ވަނަ ދުވަހެވެ. މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުން ދަނީ އަސްކަރީ ބަޣާވާތާ ދެކޮޅަށެވެ. ޑިމާންޑް ކުރަމުން ދަނީ އެ ގައުމުގައި ޑިމޮކްރަސީ އަލުން އިޔާދަ ކުރުމަށެވެ.

ފެބުރުއަރީ 1، 2021 ވަނަ ދުވަހު މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތަށް ފަހު، އަސްކަރިއްޔާއިން ފޯރިމަރަނީ / ފޮޓޯ: ޖަޕާންޓައިމްސް

މިވަގުތު މިޔަންމާގެ ކޮންޓްރޯލް ނަގައިގެން ހުރި އެ ގައުމުގެ އަސްކަރީ ލީޑަރު މިން އާންގް ހަލައިންގް ވަނީ، އެއްވެސް މީހަކީ ގާނޫނަށް ވުރެ މަތީގައި ހުރެވޭނެ މީހެއް ނޫން ކަމަށް ބުނެ، އިންޒާރުގެ ވަރުގަދަ މެސެޖެއް ދީފައެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިންނަށް ސީދާ އިންޒާރެއް ދީފައި ނުވާ ކަމަށް ހަބަރު ލިބެއެވެ.

މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތް ނާކާމިޔާބު ކުރުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ. ގުޓެރޭޒް ވިދާޅުވީ، އިންތިހާބެއްގެ ނަތީޖާ "އަނބުރާލުމަކީ" ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، މިއީ ގައުމެއްގެ ވެރިކަން ކުރެވޭނެ ގޮތް ނޫންކަން ބަޣާވާތުގެ ލީޑަރުންނަށް ފަހުމް ވާން ޖެހޭނެ ކަމަށެވެ.

ހުސްވި ހަފުތާގެ އާދީއްތަ ދުވަހުގެ ރޭ ދަންވަރު، ހޯމަ ދުވަހަށް އަލިވިލެމުންދަނިކޮށް މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގެ ލީޑަރު، އާންގް ސަން ސޫޗީއާއި ވެރިކަން ކުރާ ޕާޓީގެ އިސް ލީޑަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ހައްޔަރު ކުރިއެވެ. އަދި ގައުމުގެ ކޮންޓްރޯލް އަސްކަރިއްޔާގެ މުށުތުރެއަށް ގެންގޮސް، އެކަން އިއުލާން ކުރިއެވެ.