ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންގެ ވާހަކަ، އުމުރުން 60 އަހަރުގެ ޝީނާޒް ސަޖަންއަށް އެންމެ ފުރަތަމަ ގަބޫލު ކުރާކަށް މާ ފަސޭހެއް ނުވިއެވެ. އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ ސަޖަން ބުނި ގޮތުގައި ވެކްސިން ބަލައިގަތުމަށް އޭނާގެ ނަފްސު ދެކޮޅު ހެދިއެވެ. ކޮންމެހެން ދިފާއެއް ބޭނުންވެއްޖެނަމަ ފަތްޕިލާވެލީގެ ޑައެޓަކުން އެކަން ފަރުޖައްސާލެވިދާނެ ކަމަށް ގަބޫލު ކުރެވުނު ކަމަށް ސަޖަން ބުންޏެވެ.

"އެކަމަކު ވަރަށް ބައިވަރު މައުލުމާތާއި، އިރުޝާދު ލިބުނު. ވެކްސިނަކީ ހަލާލު، އަދި ހުއްދަ އެއްޗެއްކަން މިސްކިތުން އަހަރެންނަށް ޔަގީން ކޮށްދިން" އަލް-އައްބާސް އިސްލާމިކް ސެންޓަރަށް އިޝާރާތް ކުރަމުން ސަޖަން ބުންޏެވެ. އަލް-އައްބާސް އިސްލާމިކް ސެންޓަރަކީ، އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ވެކްސިން މަރުކަޒެއްގެ ގޮތުގައި ފާސްކުރި ފުރަތަމަ މިސްކިތެވެ.

އިނގިރޭސިވިލާތުގެ ކޮމިއުނިޓީޒް ސެކްރެޓަރީ ރޮބާޓް ޖެންރިކް (މ) އަލް-އައްބާސް އިސްލާމިކް ސެންޓަރުގައި / ފޮޓޯ: ޔާހޫ ނިއުސް ޔޫކޭ

"މިސްކިތް ފަދަ، އިތުބާރު ހިފޭ ތަނެއްގައި ވެކްސިން ޖަހަން ލިބުމުން ކުރެވެނީ ވަރަށް ވެސް އުފާވެރި އިހުސާސެއް" ސަޖަން ބުންޏެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ސަޖަންވެސް ޖެހީ، އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނިން ތަރައްގީ ކުރި ވެކްސިނެވެ.

އިނގިރޭސިވިލާތުން ދަނީ ތަފާތު އެކި މަރުކަޒުތަކުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ފުޓުބޯޅަދަނޑުތަކާއި، ސިނަމާތަކުގައިވެސް ވެކްސިން ޖެހުމުގެ ކެމްޕޭން ކުރިއަށް ގެންދެއެވެ. އިނގިރޭސިވިލާތުގެ މުސްލިމުންގެ އެންމެ ބޮޑު އާބާދީއަކުން ބަރޯސާވާ އީސްޓް ލަންޑަން މޮސްކްއާ މާ ދުރު ނޫން ހިސާބެއްގައިވެސް ވަގުތީ ކުލިނިކެއް ވަނީ ތައްޔާރުކޮށްފައެވެ. އެ ކުލިނިކުންވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ވެކްސިން ޖަހާފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އަސްޓްރާޒެނީކާއާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތަރައްގީ ކުރި ވެކްސިން ޑޯޒް ރައްކާ ކޮށްފައިވާ ފޮށިތަކެއް / ފޮޓޯ: ސިޕާ ޔޫއެސްއޭ

އަލް-އައްބާސް މިސްކިތުގެ އިމާމް، ނޫރު މުޙައްމަދު ވިދާޅުވީ، މިސްކިތުގައި ވެކްސިން ޖަހާ ގޮތަށް ހަމަޖެހުމަކީ، އެންމެ ރަނގަޅު މައުލޫމާތުން އެކަހެރިވެފައިވާ މީހުންނަށް އެހީއެއް ކަމަށެވެ. މިއާއެކު ނޫރު ވަނީ، އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު އެއްކުރުމަށް ސަމާލުވުމަށްވެސް ގޮވާލައްވާފައެވެ.

މިސްކިތުގައި ދޮށީ އުމުރުގެ މީހުންނަށްވެސް ވެކްސިން ޖެހުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.