އާބާދީގައި 13000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް މިއަދު މިވަނީ އަނެއްކާ ވެސް އަޑިގަނޑަކާ ކުރިމަތިލާން ޖެހިފައެވެ. އެރަށުގައި ވިހަން ކައިރިވެފައި ތިބި އެތައް މާބަނޑު މީހުންނާއި، އެމީހުންގެ އާއިލާތައް ތިބީ ހަދާނެ ގޮތެއް ނެތި ހާސްކަމެއްގެ ތެރޭގައެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި އަންހެނުންގެ ހާއްސަ ދެ ޑޮކްޓަރުން ތިބެއެވެ. ނަމަވެސް އޭގެ ތެރެއިން އެއް ޑޮކްޓަރު ދާދިފަހުން ތިނަދޫ ހޮސްޕިޓަލަށް ދިއުމަށްފަހު މިހާރު ވަނީ އަހަރީ ޗުއްޓީއަށް ގައުމަށް ފުރާފައެވެ. އަނެއް ޑޮކްޓަރު އަހަރީ ޗުއްޓީ ނިންމުމަށްފަހު އަނބުރާ ޑިއުޓީއަށް ނިކުތްތާ އަދި މަހެއް ނުވެއެވެ. ނަމަވެސް އޭނާ ސިއްހީ ހާލަތެއް މެދުވެރިވެގެން ކޮންމެހެން ރާއްޖެއިން ބޭރަށް ފުރަން ޖެހިއްޖެއެވެ. ދެ ޑޮކްޓަރުން އެއް ފަހަރާ ފުރައިގެން ދާން ޖެހުމުން، މާބަނޑު މީހުންނަށް ދެން އޮތީ ކޮން ގޮތެއްތޯ ސުވާލު ކުރެވެއެވެ.

ހޮސްޕިޓަލް މެނޭޖަރު މައުލޫމާތު ދެއްވާ ގޮތުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރު ސިއްހީ ހާލަތެއް ދިމާވެގެން ރާއްޖެއިން ބޭރަށް ދާން ޖެހުނީ، ރާއްޖެއިން ލިބެން ނެތް ފަރުވާ އެއް ހޯދަން ޖެހުމުން ކަމަށެވެ. އެ ޑޮކްޓަރަށް ދިމާވީ ކޮން ކަހަލަ ސިއްހީ ކަމެއްތޯ ނުވަތަ އޭގެ ތަފްސީލެއް ހޮސްޕިޓަލް މެނޭޖަރު ނުދެއްވައެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ޑޮކްޓަރު ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ޖެހުނީ ދަތެއްގައި ރިއްސާތީއެވެ.

ހޮސްޕިޓަލް މެނޭޖަރު ވިދާޅުވީ އަންހެނުންގެ ހާއްސަ ޑޮކްޓަރަކު އެހެން ރަށަކުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ޑޮކްޓަރަކު ހަމަޖެހޭނެ ތާރީހެއް ކަށަވަރު ވެފައި ނުވާ ކަމަށް އޭނާ ބުނެއެވެ. މިފަދަ ހާލަތްތަކުގައި ރަށްރަށަށް ޑޮކްޓަރުން ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސާނީ ހެލްތް މިނިސްޓްރީންނެވެ. ނަމަވެސް މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީއާ ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މޮނިޓަރިންގައި އޮތް ރަށަކަށް ދަތުރު ކުރުން ނޫން ގޮތެއް ނެތް؟

އެއްވެސް ޑޮކްޓަރަކު ރަށުގައި ނެތް ނަމަ ދެން ކުރެވެން އޮންނަ ކަމަކީ ފުރައިގެން ކައިރި ރަށަކަށް ދިއުމެވެ. ނުވަތަ އެހެން ރަށަކުން ޑޮކްޓަރަކު ރަށަށް ގެންދިއުމެވެ. އެގޮތަށް ބަލާ ނަމަވެސް ފުވައްމުލަކު މާބަނޑު މީހުންނަށް މިއޮތީ ހުރިހާ ފަރާތަކުން ނުރައްކަލެވެ. ކައިރީގައި އޮތް އައްޑޫވެސް އަދި ތިނަދޫ ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެ ރަށްރަށުން ނުވަތަ މާލެއިން ޑޮކްޓަރަކު ގެންދާ ނަމަވެސް އެ ޑޮކްޓަރަކު ކަރަންޓީނު ވާން ޖެހޭނެއެވެ.

އެގޮތަށް ގެންނަ ޑޮކްޓަރަކު ކަރަންޓީނު ފުރިހަމަ ކުރުމުގެ ކުރިން ވެސް ވިހާނެ އެތައް ބަޔަކު ފުވައްމުލަކުގައި އެބަ ތިއްބެވެ. މާބަނޑު މީހުންނަކީ ބަނޑަށް ވަކި މުއްދަތެއް ވުމުން އެމަޖެންސީ ހާލަތެއްގައި މެނުވީ ދަތުރު ކުރުމުގެ ހުއްދަ ނުލިބޭ މީހުންނެވެ. އެކި މީހުންނަށް އެކި ވަރެވެ. 6 މަހުން ފެށިގެން ވިހަންދެން ދަތުރު ކުރުމުގެ ހުއްދަ ނުދޭ މީހުން ތިބެއެވެ. ހައި ރިސްކު ނަމަ ފުރަތަމަ 3 މަސް ދުވަހުގެ ވެސް ދަތުރެއް ނުކުރެވެއެވެ. އެއީ އެމީހުންނަށް ނުރައްކާތެރި ކަމަކަށް ވާތީއެވެ. ކަން މިހެން އޮތް އިރު، ބަނޑަށް 9 މަސް ފުރިފައި ތިބި މީހުންނަށް އޮތް ހައްލަކީ ކޮބާ ހެއްޔެވެ؟

ހާސްވެ، ކަންބޮޑުވެފައި ތިބި އެ މާބަނޑު މީހުންނަށް އަދިވެސް ލިބެމުންދާ ޖަވާބަކީ މާޔޫސް ކުރުވަނިވި ޖަވާބެކެވެ. ފަހު ޗެކަޕެއް ނެހެދޭނެއެވެ. ޑޮކްޓަރަކަށް ނުދެއްކޭނެއެވެ. ޑޮކްޓަރެއް ނެތެވެ. ޑޮކްޓަރެއް އަންނާނެ ދުވަހެއް ނޭނގެއެވެ. ދެން އެމީހުންނަށް އޮތް ގޮތަކީ ވިހަންދެން އަތް އުރާލައިގެން ތިބުން ހެއްޔެވެ؟