މިދިޔަ ހޯމަ ދުވަހު މިޔަންމާގައި ކުރި އަސްކަރީ ބާޣާވާތާ ދެކޮޅަށް އެ ގައުމުގައި ވަރުގަދަ ކުރަމުންދާ މުޒާހަރާތަކާއި އުފުލަމުންދާ އަޑުތައް ކަނޑުވާލުމަށް ފެއިލްވެ، އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް އިންޓަނެޓާއި ސޯޝަލް މީޑިއާގެ ހިދުމަތްތައް އަލުން ދޭން ފަށައިފިއެވެ.

އިންޓަނެޓް މޮނިޓަރިންގް ހިދުމަތްދޭ ނެޓްބްލޮކްސްއިން ކުރި ޓްވީޓަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، އާދީއްތަ ދުވަހު، މިޔަންމާ ގަޑިން މެންދުރުން އަނބުރާ 02:00 ގެފަހުން، ކޮންމެވެސް ވަރަކަށް އިންޓަނެޓްގެ ހިދުމަތް ދޫކުރަން ވަނީ ފަށާފައެވެ.

މިޔަންމާގެ ކޮންޓްރޯލް ނަގާފައިވާ އަސްކަރިއްޔާގެ އޯޑަރަށް، މިޔަންމާއިން އިންޓަނެޓްގެ ހިދުމަތް މުޅިން މެދުކަނޑާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ނެޓްބްލޮކްސްއިން ބުނީ އިންޓަނެޓްގެ ހިދުމަތް ދޭން ފެށި ނަމަވެސް، ސޯޝަލް މީޑިއާގެ ހިދުމަތަށް އަދިވެސް ދޫ ނުދޭ ކަމަށެވެ. ނަމަވެސް، އެމްޕީޓީ، އުރީދޫ އަދި ޓެލެނޯއާއި މައިޓެލް ބޭނުން ކުރާ ކަސްޓަމަރުންނަށް މޯބައިލް އިންޓަނެޓާއި ވައިފައިގެ ހިދުމަތް ލިބޭ ކަމަށް ހަބަރު ލިބެއެވެ.

މިޔަންމާގެ އަސްކަރީ ބަޣާވާތާ ދެކޮޅަށް އެ ގައުމުގައި ވަރުގަދަ މުޒާހަރާތައް ކުރިއަށް ގެންދާތާ 2 ވަނަ ދުވަހަކަށް ދިގުލާ ގޮސްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މިޔަންމާގެ ލީޑަރު އާންގް ސަން ސޫޗީއާއި އޭނާގެ ނޭޝަނަލް ލީގު ފޮ ޑިމޮކްރަސީ (އެންއެލްޑީ) ރަމްޒު ކޮށްދޭ ރަތް ކުލައިގެ ޓީޝާޓުތަކާއި، ދިދަ އަދި ފުއްޕާހަންތަކުން، މިޔަންމާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ، ޔަންގޯންގެ މަގުތައް ފުރާލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މަގުތަކުގައި އަސްކަރިއްޔާއިން ރަޔަޓް ގިއަރުގައި ފޯރި މަރަމުން ދިޔަ ނަމަވެސް، މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅާފައި ނުވާ ކަމަށް ޗެނަލް ނިއުސް އޭޝިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ސުލްހަ ރަމްޒު ކޮށްދިނުމުގެ ގޮތުން، މުޒާހަރާގެ ބައެއް ބައިވެރިންނަށް، ފުލުހުންނަށް މާ ދީ ހެދި ކަމަށްވެސް ހަބަރު ލިބެއެވެ.

އިންޓަނެޓްގެ ހިދުމަތް ކޮންޓްރޯލް ކޮށްފައި ވީ ނަމަވެސް، ބައެއް މީހުން ވަނީ ފޭސްބުކްލައިވް މެދުވެރިކޮށް، މުޒާހަރާގެ މަންޒަރުތައް ދުރަށް ފޮނުވާފައެވެ.

ކަން މިހެން އޮތް އިރު، މިޔަންމާގެ ގާނޫނު ހަދާ މަޖިލީހުގެ 300 އަށް ވުރެ ގިނަ މެމްބަރުން ވަނީ އަސްކަރީ ބަޣާވާތުން ގައުމު ކޮންޓްރޯލް ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް ޕެޓިޝަނެއް އެކުލަވާލާފައެވެ. އަސްކަރިއްޔާއިން ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންވެސް ހައްޔަރު ކޮށްފައެވެ. ހައްޔަރުކޮށްފައި ތިބި ނަމަވެސް، ޑިމޮކްރަސީގެ ހައްގުގައި ކުރަމުންދާ މަސައްކަތަށް ނިމުމެއް ނާންނާނެ ކަމަށް މަޖިލިސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ސޫޗީ ހައްޔަރު ކޮށްފައި ވާއިރު، އޭނާއާ ދެކޮޅަށް މިހާރު ވަނީ ދައުވާވެސް އުފުލާފައެވެ. ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް މުއްދަވެސް ޖަހާފައި ވާއިރު، ވަކީލަށްވެސް ސޫޗީއާ ބައްދަލު ކުރުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް ހަބަރު ލިބެއެވެ.