އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ޗެމްޕިއަންސް ލިވަޕޫލާއި ތާވަލުގެ އެއްވަނައިގައި މިހާރު އޮތް މެންޗެސްޓާ ސިޓީ ވާދަކުރި މެޗު 1-4 އަކުން ސިޓީ ކާމިޔާބުކޮށްފިއެވެ.

މިއާއެކު، މިދިޔަ ސީޒަންގައި ލިވަޕޫލުން ފަސޭހަ ކަމާއި އެކު ހޯދި ލީގު ތަށި މިސީޒަންގައި ގެއްލުން ކަން މިވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން އެއްވަރުގެ ކުޅުމެއް ފެނިގެން ދިޔަ އިރު ދެ ޓީމުން ވެސް މާ ގިނަ ހަމަލާތަކެއް އުފައްދާފައެއް ނުވެއެވެ. އެހެންނަމަވެސް ސިޓީގެ ފޯވަޑް ރަހީމް ސްޓާލިންއަށް ލިވަޕޫލްގެ ޑިފެންޑަރުން ފަބީނިއޯ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަށް ސިޓީއަށް ޕެނަލްޓީއެއް ޖަހާ ފުރަތަމަ ހާފްގައި ލީޑު ނަގާނެ ފުރުސަތު ލިބުނެވެ. މިވަގުތު ލީގުގައި އެންމެ ފޯމްގައި ކުޅެމުންދާ އެއް ކުޅުންތެރިޔާ ކަމަށްވާ އައިކޭ ގުންޑުއާން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ. އަދި ފުރަތަމަ ހާފް 0-0 އަކުުން އޮވެ ނިމުނު އިރު މުޅި މެޗު ވެސް މިކަހަލަ ގޮތަކަށް ނިމެނޭ ކަމަށް ބެލެވުނެވެ.

އެހެން ނަމަވެސް ދެވަނަ ހާފްގައި ކުޅެން ނިކުތީ މުޅިން ތަފާތު ސިޓީއެކެވެ. އަދި ދެވަނަ ހާފް ފެށިތާ 5 މިނެޓްގެ ތެރޭގައި ލަނޑެއް ޖަހާ ސިޓީން ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ގުންޑުއާންއެވެ.

މާގިނަ އިރުތަކެއް ނުވެ ލިވަޕޫލަށް ވެސް ޕެނަލްޓީއެއް ލިބުނެވެ. އަދި މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް ކާމިޔާބުކުރި ޕެނަލްޓީއާއެކު މިމެޗުން ލިވަޕޫލަށް ޕޮއިންޓެއް ނަމަވެސް ލިބޭނެ ކަމުގެ އުއްމީދު އާވިއެވެ.

މިކަމަށް އެޅުނު އެންމެ ބޮޑު ހުރަހަކަށްވީ ލިވަޕޫލުގެ ކީޕަރު އެލިސަން ބެކާއެވެ. ކައިރި ކައިރީގައި އޭނާގެ ފަރާތުން ފެނުނު ދެ މިސްޓޭކުން ސިޓީ ދެ މިނެޓްގެ ތެރޭގައި ދެ ލަނޑު ޖަހާ 1-3 ގެ ލީޑެއް ނެގިއެވެ. މިގޮތުން، ގުންޑުއާން އިތުރު ލަނޑެއް ޖެހި އިރު ކުރިން ލިވަޕޫލަށް ކުޅުނު ސްޓާލިން ވެސް ވަނީ މިމެޗުގައި ލަނޑެއް ޖަހާފައެވެ. އަދި މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސިޓީގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑަން ވެސް ވަނީ ހިތް ގައިމު ލަނޑެއް ޖަހާފައެވެ.

މިމެޗުން މޮޅުވެ ސިޓީ މިވަނީ ލީގު ތަވާލުގެ އެއްވަނައިގައި 5 ޕޮއިންޓްގެ ލީޑެއް ނަގާ ހަމަޖެހިލާފައެވެ. ސިޓީއާއި އެންމެ ގާތުން ވާދަ ކުރާ ތިން ޓީމަށް ވުރެ ވެސް އެޓީމު އެއް މެޗު މަދުން ކުޅެފައި އޮތް އިރު މިރޭގެ ނަތީޖާއަކީ މިސީޒަންގެ ތަށި އުފުލާލާނީ ސިޓީކަން ކަށަވަރުވި ނަތީޖައެއް ކަމަށް ބައެއް ފޭނުން ދަނީ ބުނަމުންނެވެ.

އަމިއްލަ ދަނޑުގައި ސިޓީ އަތުން މިރޭ ބަލިވުމާއި އެކު ލިވަޕޫލް މިވަނީ ސިޓީއާއި 10 ޕޮއިންޓް ފަހަތަށް ވެއްޓިފައެވެ. އަދި ތަށި ދިފާއު ކުރެވޭނެ ކަމުގެ އުއްމީދު މުޅިންހެން ގެއްލިފައިވާ އިރު ގަދަ ހަތަރަކުން ޖާގަ ލިބޭނެ ކަމުގެ ގެރެންޓީއެއް ވެސް މިހާރުގެ ޗެމްޕިއަން ލިވަޕޫލަށް އަދި ނެތެވެ.