އަމިއްލަ ފަރާތްތަކުގެ އެކައުންޓުގައި ހުރި ޑޮލަރު ސަރުކާރަށް ނުނަގާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އަމިއްލަ އެކައުންޓު ތަކުގައި ހުރި ޑޮލަރު ސަރުކާރަށް ނަގަން އުޅޭ ކަމަށް ތުހުމަތުކޮށް މިއަދު އޮންލައިން ނޫހަކުން އާންމުކުރި ރިޕޯޓަކާ ގުޅިގެން އެމްއެމްއޭއިން ބުނީ އަމިއްލަ މީހުންގެ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ އެއްވެސް އިރެއްގައި އެ ބޭންކުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

އަދި ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށާއި އެ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭރުފައިސާ ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭން އެފަދައިން ބުނެފައި ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި އާންމު ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭނެ ގޮތްތައް ފަހިކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމްއެމްއޭއިން އެފެދައިން ބުނެފައި ވާއިރު، މިއަދު ނެފެރައިވާ ރިޓުގައި ބުނެފައި ވަނީ އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރު ސަރުކާރަށް ނަގަން އުޅޭކަމަށައި އަމިއްލަ ފަރާތްތަކުގެ އެކައުންޓުގައި ހުރި ޑޮލަރު، ދިވެހި ރުފިޔާއަށް ބަދަލުކުރަން މަޖުބޫރު ކުރުވާ ކަމަށެވެ. އަދި އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރު ވަކި މުއްދަތެއް ވަންދެން ނުނެގޭ ގޮތަށް ހަދަން ސަރުކާރުން ސިޔާސަތު ބަދަލުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަ ކޯށްފައި ވެއެވެ.