ގދ. ގައްދޫ ކައިރީގައި އޮންނަ ލޮނަދޫހުއްޓާއަށް ދަތުރު ގޮސް އުޅެނިކޮށް ބޮލަށް ސީލިންގެއް ވެއްޓުނު އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާންގެ ހާލު ކްރިޓިކަލް ކަމަށާއި އެކުއްޖާއަށް އޭޑީކޭ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައި ފަރުވާ ދެމުންދާ ކަމަށް އޭޑީކޭއިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިން ޑައިރެކްޓާ އަހުމަދު އައްފާލް ވިދާޅުވީ އެކުއްޖާ އޭޑީކޭއަށް ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އެކުއްޖާއަށް މިހާރު ފަރުވާ ދެމުންދަނީ އެޗްޑީޔޫގައި ކަމަށެވެ. އަދި އެކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް ވެސް އައްފާލް ވިދާޅުވިއެވެ.

މި ހާދިސާގައި ފިރުޝާން ފުރަތަމަ ގެންދިޔައީ ގައްދޫ ސިއްހީ މަރުކަޒަށެވެ. އަދި އިތުރަށް ފަރުވާއަށް އޭނާ ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ފިރުޝާންގެ ބޮލަށް އަނިޔާވެ ހަށިގަނޑުގައި ގިނަ ފްރެކްޗާތަކެއް އެބަހުރި ކަމަށެވެ.

އައިލާއިން މައުލޫމާތު ދޭގޮތުގައި އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވެސް ވަނީ ލޭއެޅިފައެވެ.

މިހާދިސާ ހިނގާފައިވަނީ ގދ. ގައްދޫ ކައިރީގައި އޮންނަ ލޮނަދޫހުއްޓާއަށް ދިޔަ ދަތުރެއްގައެވެ. މި ހާދިސާ ދިމާވީ މަޖާކުރުމުގެ ތެރޭގައި ލަކުނޑިގަނޑުގައި ތަޅަން ފެށުމުން އޭތި ބިނދި ކުއްލިއަކަށް ސީލިން އަރިއަޅާލައި އޭނާ ގައިމައްޗަށް ވެއްޓުމުން ކަމަށް މައުލޫމާތު ލިބެއެވެ.