އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު އެސްޓަން ވިލާއާއި އާސަނަލް ވާދަކުރި މެޗު 1-0 އަކުން ވިލާ ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި ވިލާއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗު ފެށިތާ 74 ވަނަ ސިކުންތުގައި އެސްޓަން ވިލާގެ ފޯވަޑް އޮލީ ވޮޓްކިންސެވެ. މި ލަނޑަކީ އާސަނަލްގެ ޑިފެންޑަރު ސެޑްރިކް ސުއަރޭސްއަށް ހެދުނު ގޯހަކުން ވިލާއިން ޖެހި ލަނޑެކެވެ. މެޗުގައި ވިލާއަށް ލީޑު ފުޅާ ކުރާނެ ފުރުސަތުތައް ލިބުނު އިރު އާސަނަލްގެ ގޯލް ކީޕަރު މެޓް ރަޔަންގެ މޮޅު ސޭވްތަކެއް ވެސް ވަނީ މެޗުގައި ފެނިފައެވެ.

މެޗުގެ އެހާ ކުރިން އެސްޓަން ވިލާއިން ލަނޑު ޖަހާ ލީޑު ނެގުމުން މެޗުގެ ބަކީ އޮތް ވަގުތުގައި އާސަނަލްއިން ލަނޑެއް ޖަހާނެ ކަމަށް ބެލެވުނު އިރު އާސަނަލްއިން ވަނީ އެސްޓަން ވިލާގެ ގޯލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ވެސް ފޮނުވާލަފައެވެ. މީގެ ތެރެއިން އާސަނަލްގެ މިޑްފީލްޑަރު ޖަކާ ޖެހި ހިލޭ ޖެހުން ފާހަގަކޮށްލެވޭ އިރު މިދިޔަ ސީޒަންގައި އާސަނަލްއަށް ކުޅުނު އެސްޓަން ވިލާގެ ކީޕަރު މާޓިނޭޒް ވަނީ މޮޅު ސޭވެއް ކޮށް ހިލޭ ޖެހުން ސަލާމަތްކޮށްފައެވެ.

މިމެޗުން މޮޅުވެ އެސްޓަން ވިލާ ވަނީ ލީގު ތާވަލުގެ 8 ވަނަ އަށް ޖެހިލާފައެވެ. އެއީ 21 މެޗު ކުޅެ 35 ޕޮއިންޓް ހޯދައިގެންނެވެ.

މިދިޔަ ހަފްތާގެ މެދު ތެރޭގައި ވުލްވްސް އަތުން ވެސް ބަލިވި އާސަނަލް މިރޭގެ މެޗުން ދަށްވެ މިވަނީ ތާވަލުގެ 10 ވަނައަށް ވެއްޓިފައެވެ. އެއީ ކުޅުނު 23 މެޗުން ލިބުނު 31 ޕޮއިންޓާއި އެކު އެވެ.

މި ހަފްތާ ބަންދުގައި ވެސް ޕްރިމިއާ ލީގުގައި ކުރިއަށް ފޯރިގަދަ މެޗުތަކެއް ހުރި އިރު އާދިއްތަ ދުވަހު މިދިޔަ ސީޒަންގެ ޗެމްޕިއަން ލިވަޕޫލާ ތާވަލުގެ އެއްވަނައިގައި މިހާރު އޮތް ސިޓީއާއި ދެމެދު އޮންނަ ފާހަގަކޮށްލެވެއެވެ.