ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގައި ހިންގާ ވެކްސިން ކެމްޕޭނާ މެދު ހިތްހަމަ ޖެހޭ ކަމަށް، މި ކެމްޕޭނުން ވެކްސިން ލިބިގަތް 97 ޕަސެންޓް މީހުން ބުނެފައި ވާ ކަމަށް، އިންޑިއާގެ ޔޫނިއަން ހެލްތު ސެކްރެޓަރީ ރާޖޭޝް ބުޝާން ވިދާޅުވެއްޖެއެވެ.

ބުޝާން ވިދާޅުވީ ވެކްސިން ކެމްޕޭނާ މެދު މީހުން ދެކޭ ގޮތް ވަޒަން ކޮށްފައި ވަނީ، އިންޑިއާގެ އައިޓީ ވުޒާރާއިން އެކުލަވާލާފައި ވާ ފީޑްބެކް ޕްލެޓްފޯމް މެދުވެރިކޮށް އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލު ވިދާޅުވީ، ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ފޯރުކޮށް ދިނުމުގައި އެންމެ ކުރީގައި އޮތީ މަދްޔާ ޕްރަދޭޝް ކަމަށެވެ. އެ ސްޓޭޓުގެ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 73 ޕަސެންޓް މީހުންނަށް، އެންމެ 18 ދުވަހުގެ ތެރޭގައި ކޮވިޑް ވެކްސިން ދީފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ބުޝާން ވިދާޅުވީ ކޮވިޑް ވެކްސިން ކެމްޕޭން މެދުވެރިކޮށް ވެކްސިން ލިބިގަތް މީހުންގެ ތެރެއިން 512128 މީހަކު، ފީޑްބެކް ދީފައި ވާ ކަމަށާ، އޭގެ ތެރެއިން 97 ޕަސެންޓް މީހުން، ވެކްސިންގެ ތަޖުރިބާއާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފައި ވާ ކަމަށެވެ.

ބުޝާން އިތުރަށް ވިދާޅުވީ، 4 މިލިއަން ވެކްސިން ޑޯޒްގެ ފާހަގަ އެންމެ ހަލުވި ދުވެލީގައި ހާސިލު ކުރި ގައުމުގެ ރެކޯޑް މިހާރު އޮތީ އިންޑިއާއަށް ކަމަށެވެ. އެގޮތުން ފުރަތަމަ ޑޯޒްގެ 4 މިލިއަން ޝޮޓް، އެންމެ 18 ދުވަހުގެ ތެރޭގައި ހާސިލު ކުރި ގައުމަކީ އިންޑިއާ ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އިންޑިއާއިން ކޮވިޑް-19ގެ ކޭހެއް އެންމެ ފުރަތަމަ ރިޕޯޓް ކުރީ ޖެނުއަރީ 30، 2020 ގައެވެ. އޭގެ ފަހުން މިއަދު އިންޑިއާ އަކީ 2 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް ރެކޯޑް ކުރި ގައުމުގެ މަގާމުގައި އޮތް ގައުމެވެ.