ސައުދީ އަރަބިއްޔާ އިސްވެ އޮވެ ޔަމަނުގައި ހިންގަމުންދާ ލޭއޮހުރުވުން ބޮޑު ހަނގުރާމައަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް އެމެރިކާގެ އާ ރައީސް ޖޯ ބައިޑަން ނިންމަވާ، އިތުރު ރެފިއުޖީންނަށް މަރުހަބާ ކިއުމަށް ގައުމު ހުޅުވާލައްވާ، އެމެރިކާގެ ހާރިޖީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ.

ރައީސް ކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ހާރިޖީ މަސްރަހާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ތަފްސީލީ ނަޒަރަކުން ވާހަކަފުޅު ދައްކަވަމުން ބައިޑަން ވަނީ ޗައިނާއާއި ރަޝިއާއިން ފުޅާ ކުރަމުން އަންނަ ހުދުމުހުތާރު ކޮންޓްރޯލް އާ ދެކޮޅަށް އެމެރިކާއިން ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެމެރިކާގެ ހާރިޖީ ވުޒާރާގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅުތައް ތަންފީޒު ކުރައްވަމުން، ޑިޕްލޮމެޓުންނާއެކު ކުރިއަށް ގެންދެވި ހާއްސަ ބައްދަލުވުމެއްގައި ބައިޑަން ވިދާޅުވީ، އެމެރިކާގެ މަސްރަހަށް "ޑިޕްލޮމަސީ" ނުވަތަ މަޝްވަރާގެ އިމުގެ ތެރެއިން ކަން ކަން ހައްލު ކުރުމުގެ ފިކުރު އަނބުރާ އަތުވެއްޖެ ކަމަށެވެ.

ޔަމަނުގައި ބަނޑުހައިހޫނުކަން ގަދަވެ، ބަނޑަށް ޖެހުމާ ހިސާބަށް ދިއުން ގާތް / ފޮޓޯ: ޔޫޓިއުބް

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ބައިޑަން ވިދާޅުވީ، ޔަމަނުގައި ސައުދީ އަރަބިއްޔާއިން ކުރަމުން އަންނަ ހަނގުރާމައަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމެރިކާއިން ހަދާފައިވާ އަސްކަރީ ހަތިޔާރު ވިއްކުމުގެ އެއްބަސްވުންތަކައިގެން ކުރިއަށް ވަޑައި ނުގަންނަވާނެ ކަމަށެވެ. ޔަމަނުގައި އުފެދިފައިވަނީ އިންސާނީ ކާރިސާއެއްގެ އިތުރުން، އިސްތިރާޖީ ކާރިސާއެއް އުފެދިފައި ވާ ކަމަށްވެސް ބައިޑަން ވަނީ ސިފަކުރައްވާފައެވެ.

ބައިޑަން ވަނީ ޔަމަނަށް ހާއްސަ މަންދޫބަކުވެސް ހަމަޖައްސަވާފައެވެ. މި މަގާމަށް ހަމަޖައްސަވާފައިވަ ޓިމޮތީ ލެންޑާކިންގްއަކީ، ޔަމަނުގައި ސުލްހަ ގާއިމުކުރުމަށް އދއިން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ އޮފިޝަލެއް ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ޔަމަނުގެ ހަނގުރާމަ ނިމުމަކަށް އަންނަން ޖެހޭ ކަމަށް ވިދާޅުވަމުން ބައިޑަން ވަނީ ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރާނެ ކަން އެމެރިކާއިން ކަށަވަރު ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރެފިއުޖީންގެ މައްސަލައަށް ބަލާއިރު، ބައިޑަން ވަނީ މިހިނގާ މާލީ އަހަރު، 125000 ރެފިއުޖީއަކަށް އެމެރިކާއިން މަރުހަބާ ކިއާނެ ކަމަށް ހަމަޖައްސަވާފައެވެ. ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި މި އަދަދު އޮތީ 15000 އަށް ދަށްކުރައްވާފައެވެ.