އަސްކަރީ ބަޣާވާތަކުން ވައްޓާލި މިޔަންމާގެ މަދަނީ ސަރުކާރުގައި ވެރިކަން ކުރަމުން ދިޔަ ނޭޝަނަލް ލީގު އޮފް ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ ވިން ހެޓެއިން ހައްޔަރު ކޮށްފިއެވެ.

މިޔަންމާގެ ޑިމޮކްރަސީ ލީޑަރުގެ ގޮތުގައި ސިފަކުރަމުން އަންނަ އާންގް ސަން ސޫޗީގެ އެންއެލްޑީގެ އިސް ލީޑަރެއް ކަމަށްވާ ވިން ހެޓެއިން ހައްޔަރު ކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. ހެޓެއިން ހައްޔަރު ކުރުމާއެކު އެންއެލްޑީއަށް އިތުރު ނުތަނަވަސްކަމަކާ ވަނީ ކުރިމަތިވެފައެވެ.

ހެޓެއިން ހައްޔަރުކޮށްފައި ވަނީ، ޔަންގޫންގައި އޭނާ ދިރިއުޅެމުން ދިޔަ ގޭގައި ހުއްޓާ ކަމަށް ހަބަރު ލިބެއެވެ. މިޔަންމާގެ އަސްކަރިއްޔާއިން އޭނާ ހައްޔަރު ކުރުމަށް އައި ވަގުތު މީޑިއާއަށް މައުލޫމާތު ދެމުން ހެޓެއިން ވަނީ، އޭނާ ހައްޔަރު ކުރަނީ މިޔަންމާގައި މިހާރު އޮތް ވެރިކަމާ ދެކޮޅަށް "ބަޣާވާތް" ކުރާތީ ކަމަށް އެނގިފައި ވާ ކަމަށް ބުނެފައެވެ. ނަމަވެސް ދައުވާ ސާފު ނުވާ ކަމަށް ވަނީ ބުނެފައެވެ.

މިދިޔަ ހޯމަ ދުވަހު މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތަށް ފަހު ސޫޗީއާއި ވެރިކަން ކުރާ ޕާޓީގެ ގިނަ މެންބަރުންތަކެއް ވަނީ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ސޫޗީއާއި އިސް ލީޑަރުންގެ އެއްވެސް ހަބަރެއް ލިބިފައި ނުވާއިރު، ހައްޔަރު ކޮށްފައި ތިބީ ކޮން ތާކު ކަމެއް ވެސް ސާފެއް ނުވެއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ވަނީ އެ ގައުމުން ފޭސްބުކްގެ ހިދުމަތްވެސް މެދުކަނޑާލާފައެވެ. ފޭސްބުކްއަކީ ހަބަރާއި މައުލުމާތު ފެތުރުމަށް މިޔަންމާއިން އިންތިހާއަށް ބަރޯސާވި ޕްލެޓްފޯމެކެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް، މިޔަންމާގެ މަދަނީ ސަރުކާރު ވައްޓާލީ މިދިޔަ ނޮވެމްބަރު މަހު މިޔަންމާގައި ކުރިއަށް ގެންދިޔަ އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް ބުނެއެވެ.

ހެޓެއިން ހައްޔަރު ކުރި ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކުށް ސާބިތު ކޮށްފި ނަމަ، އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުން އެކަށީގެންވެއެވެ. ސޫޗީއާ ދެކޮޅަށްވެސް މިޔަންމާގެ ކޮންޓްރޯލް ނަގި ބާޣީން ވަނީ ދައުވާ އުފުލާފައެވެ. ސޫޗީއާއި ދެކޮޅަށް އުފުލި ދައުވާގައި، އޭނާ، ގަވައިދާ ހިލާފަށް ވޯކީޓޯކީތަކެއް އެތެރެ ކުރި ކަމަށް ބަޔާން ކޮށްފައި ވެއެވެ.

މިޔަންމާގެ އަސްކަރީ ބަޣާވާތާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ދަނީ އަޑު އުފުލަމުންނެވެ. މި ބަޣާވާތް ކާމިޔާބު ވިޔަ ނުދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައު މަސައްކަތް ކުރުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ގޮވާލައްވާފައެވެ.