ރާއްޖޭގައި ކޮވިޑް-19އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ޓީޗަރުންނަށާއި ޓޫރިޒްމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑް ވެކްސިން ޖަހަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ޓީޗަރުންނަކީ ވެސް ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކެއް ކަމަށާއި އެގޮތުން މިއަދު މާލެ ސަރަހައްދުގައި ޓީޗަރުންނަށް ވެސް ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައި ވެސް ޓީޗަރުންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

ޓީޗަރުންގެ އިތުރުން މިއަދު ވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ވަނީ ވެކްސިން ޖަހަން ފަށާފައެވެ. އެގޮތުން ފަތުރުވެރި ކަމުގެ ދާއިރާގެ ފަރާތްތަކަށް ހާއްސަކުރި 10،000 ކޮވިޑް ވެކްސިންގެ ޑޯޒް މިއަދު ފެށިއިރު އެއީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް އެޅިގެންދާ ބޮޑު ފިޔަވަޅެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު 1000 މީހުންނަށް ވެކްސިން ދެވޭނެ ކަމަށެވެ. އަދި ވެކްސިން ދިނުމުގައި ބިދޭސީން އަދި ދޭސީންގެ މެދުގައި އެއްވެސް ތަފާތުކަމެއް ނުގެންގުޅޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެގޮތުން ފުރަތަމަ ވެކްސިން ޖެހި ދުވަހު މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖައްސާފައި ވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލް އަދި ސެނެހިޔާ އެވެ. މާލެ ސަރަހއްދުގެ 6 ހޮސްޕިޓަލަކުން ވެކްސިން ޖަހާފައިވާއިރު މިހާރު އަތޮޅުތެރޭގެ 3 ހޮސްޕިޓަލެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިނުގެ 100،000 ޑޯޒެވެ. ކޮންމެ މީހަކަށް ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭނެތީ 100،000 ޑޯޒް ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާ އާ އެކު އެއްބަސްވުމެއް ހަދާފައެވެ. އަދި ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކުރި، ޗައިނާ ވެކްސިންގެ 5000 ޑޯޒް ވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

މި މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވާއިރު، ރާއްޖޭގައި އަދި ދެނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ އިން ތައްޔާރު ކޮށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ ވެސް ޓްރަޔަލްތަކުން ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ވެކްސިނެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޝީލްޑް ވެކްސިން ވެސް އަންނަނީ ދެމުންނެވެ.