އަލުން އަނބުރާ މުޖުތަމައަށް ގެނައުމަށް އަހުލުވެރިކުރުވުމުގެ ގޮތުން ހިންގާ ކަމަށް ޗައިނާގެ ސަރުކާރުން ވަކާލާތު ކުރާ ރީ-އެޑިއުކޭޝަން ސެންޓަރުތަކުގައި، ޗައިނާގެ އަސްކަރިއްޔާގެ ލީޑަރުންނާއި އަސްކަރީ ސިފައިން، ވީގޫރު ދަރިކޮޅުގެ އަންހެނުން ރޭޕްކޮށް، ޖިންސީ ގޯނާއާއި ފުރައްސާރަ ކުރަމުން އަންނަ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

ރީހެބިލިޓޭޝަން ސެންޓަރުތަކެއްގެ ނަމުގައި ޗައިނާގެ ހުދުމުހުތާރު ކޮމިއުނިސްޓް ސަރުކާރުން ހިންގާ މަރުކަޒުތަކުގައި އަންހެނުން ރޭޕްކޮށް، ޖިންސީ ގޯނާއާއި އަނިޔާކޮށް، ފުރައްސާރަ ކުރާ މައްސަލަ ފެންމަތިވެފައި ވަނީ، ޝީންޖިއާންގްގައި ހައްޔަރު ކޮށްގެން ގެންގުޅޭ ވީގުރު ދަރިކޮޅުގެ މުސްލިމުންގެ ފަރާތުން ބީބީސީއިން ނެގި ބަޔާންތަކަކުންނެވެ.

ކޭމްޕުން ދޫކޮށްލުމުން ފިލައިގެން އެމެރިކާއަށް ބަދަލުވި ތުރުސުނޭ ސިއާވުދޫން ކިޔައިދީފައި ވާ ގޮތުގައި ކޭމްޕުގެ ސެލްތަކުން ކޮންމެ ރެއަކުވެސް އަންހެނުން ނެރެއެވެ. އަދި ޗައިނާގެ ފިރިހެނުން އެމީހުން ރޭޕް ކުރެއެވެ. އެކެއް ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ފަރާތުން 1 އަންހެނަކަށް، އެއް ވަގުތެއްގައިވެސް ރޭޕްގެ އަނިޔާ ލިބޭ ކަމަށް ތުރުސުނޭ ސިއާވުދޫން ވަނީ ކިޔައިދީފައެވެ.

މިނިވަން ތަފާސް ހިސާބުތަކަށް ބަލާއިރު، މި ކޭމްޕުތަކުގައި މިލިއަނަކަށް ވުރެ އަންހެނުންނާ ފިރިހެނުން ބަންދުކޮށްފައި އެބަތިއްބެވެ. ނަމަވެސް ޗައިނާއިން ބުނަމުންދަނީ، މިއީ ވީގޫރު ދަރިކޮޅުގެ މީހުންނާއި، އެނޫންވެސް ބައިމަދު އާބާދުތަކުގެ މީހުންނަށް ހިންގާ ރީ-އެޑިއުކޭޝަން ކޭމްޕެއް ކަމަށެވެ.

ކޭމްޕުގައި މިވަގުތު ތިބި ގައިދީންގެ ބަޔާން ލިބުމަކީ، ޗައިނާއިން ތަންފީޒު ކުރަމުން އަންނަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ނާދިރު ކަމެކެވެ. ނަމަވެސް އެ ކޭމްޕުން ފިލައިގެން ދިއުމުގެ ނަސީބު ލިބުނު މީހުންގެ ބަޔާން ތަކަށް ބަލާއިރު، ފުޅާ ދާއިރާއެއްގައި ރޭޕްގެ ޖަރީމާ ހިންގާ، ޖިންސީ އަނިޔާ ދޭ މައްސަލަ ކަށަވަރު ކުރެވެއެވެ.

ޗައިނާއިން ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި ޗައިނާއަށް އަމާޒު ކުރާ މިފަދަ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.