މިދިޔަ ހޯމަ ދުވަހު މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތް ނާކާމިޔާބު ކުރުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފިއެވެ.

ގުޓެރޭޒް ވިދާޅުވީ، އިންތިހާބެއްގެ ނަތީޖާ "އަނބުރާލުމަކީ" ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، މިއީ ގައުމެއްގެ ވެރިކަން ކުރެވޭނެ ގޮތް ނޫންކަން ބަޣާވާތުގެ ލީޑަރުންނަށް ފަހުމް ވާން ޖެހޭނެ ކަމަށެވެ.

އދގެ ސަލާމަތީ މަޖިލީހުން މިހާރު ދަނީ މިޔަންމާގެ ބަޣާވާތާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް، މިޔަންމާގެ ބަޣާވާތް ކުށްވެރިކޮށް ބަޔާނެއް ނެރުމަށް ކުރާ ހުރިހާ މަސައްކަތަކަށް ޗައިނާއިން ވަނީ ހުރަސްއަޅާފައެވެ.

އާދީއްތަ ދުވަހުގެ ރޭ ދަންވަރު، ހޯމަ ދުވަހަށް އަލިވިލެމުންދަނިކޮށް މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގެ ލީޑަރު، އާންގް ސަން ސޫޗީއާއި ވެރިކަން ކުރާ ޕާޓީގެ އިސް ލީޑަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ހައްޔަރު ކުރިއެވެ. އަދި ގައުމުގެ ކޮންޓްރޯލް އަސްކަރިއްޔާގެ މުށުތުރެއަށް ގެންގޮސް، އެކަން އިއުލާން ކުރިއެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސޫޗީ ބަންދުގައި ބަހައްޓަން މުއްދަތު ޖަހާފައި ވާއިރު، މިޔަންމާގެ ފުލުހުންގެ ވަނީ ސޫޗީއާއި ދެކޮޅަށް ތަފާތު ދައުވާތަކެއްވެސް ފެންމަތިކޮށްފައެވެ.

ވެރިކަން ކުރާ ނޭޝަނަލް ލީގު ފޯ ޑިމޮކްރަސީގެ ތަރުޖަމާނު މިޔޯ ނަންޓް ވަނީ، އަސްކަރިއްޔާއިން ސޫޗީއާއި ޕާޓީގެ ރައީސް ވިން މިޔީންޓް ހައްޔަރުކުރި ކަން ރޮއިޓާޒްއަށް ކަށަވަރުކޮށްދެއްވާފައެވެ. އޭގެ ފަހުން، ސޫޗީއާއި މިޔީންޓްގެ ފަރާތުން ސީދާ ހަބަރެއް ނުލިބެއެވެ.

ނަމަވެސް އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ހުންނެވި މަޖިލީސް މެމްބަރަކު ވަނީ، އޭނާވެސް ބަންދުކޮށްފައި ވާ ތަނުގައި ސޫޗީ އިންނެވި ކަން ބައިނަލްއަގުވާމީ މީޑިއާއަށް ހާމަ ކުރައްވާފައެވެ.

މިޔަންމާގައި އަސްކަރީ ބާޣާވާތް ކުރުމުގައި އިސްކޮށް ހުރީ އެ ގައުމުގެ އަސްކަރީ ލީޑަރު މިން އާންގް ހަލައިންގްއެވެ. އޭނާގެ ކޮންޓްރޯލްގެ ދަށުން 11 މެމްބަރުންގެ ޔުނިޓެއް ވަނީ އެކުލަވާލާފައެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ވަނީ 1 އަހަރު ދުވަހުގެ މުއްދަތަށް އެ ގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފައެވެ.

މިޔަންމާގައި ހިންގަމުންދަނީ ބަލައިގަނެވޭނެ ޖަރީމާއެއް ނޫންކަމަށް ސިފަކުރައްވަމުން ގުޓެރޭޒް ވަނީ، މި މައްސަލާގައި އދގެ ސަލާމަތީ މަޖިލީސް އެއްގަލަކަށް އަރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ލީޑަރުން ގެންދަވަނީ މިޔަންމާގައި ހިންގި އަސްކަރީ ބަޣާވާތް ކުށްވެރިކޮށް އަޑު އުފުއްލަވަމުންނެވެ. މިކަމުގައި ދިވެހި ސަރުކާރުން ރަސްމީކޮށް އަދި އެއްވެސް ބުނެފައެއް ނުވެއެވެ.

ނަމަވެސް، މިޔަންމާގެ މަސްރަހަށް އިޝާރާތް ކުރައްވާ ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، މިޔަންމާއިން މިއަދު ފެނިގެންދާ މަންޒަރުތަކަކީ ފެބުރުއަރީ 7، 2012ގައި ރާއްޖެއިން ފެނިގެންދިޔަ މަންޒަރުތަކާ އެއް ގޮތް ކަމެއް ހުރި މަންޒަރުތަކެއް ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލްގެ ގޮވާލެއްވުމާ ގުޅިގެން ދިވެހިރާއްޖެއިން ދޭނެ އިޖާބައަކީ ކޮބާތޯ ބެލުމަށް ދަޕްރެސްއިން ވާނީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާވެސް ސުވާލު ކުރިމަތިކޮށްފައެވެ. ނަމަވެސް، އެކަމަށްވެސް އަދި ޖަވާބެއް ލިބޭ ގޮތެއް ނުވެއެވެ.