ޗައިނާގެ ޝީންޖިއާންގް ޕްރޮވިންސްގައި އިންތިހާއަށް ބިކަ ކޮށްލާފައިވާ ވީގޫރު ދަރިކޮޅުގެ މުސްލިމުންގެ ހާލާ ބެހޭ މައުލޫމާތު އާންމުކޮށް، އެ މީހުންގެ ހައްގުގައި ވަކާލާތު ކުރާ އެކްޓިވިސްޓުންގެ އާއިލާތަކަށް ޓާގެޓްކޮށްގެން ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ޓެރަރިޒަމްގެ ދައުވާ އުފުލާ، އެނޫންވެސް ގޮތް ގޮތުން ފުރައްސާރަ ކުރަމުން އަންނަ ކަމަށް އެމެރިކާގެ އޮފިޝަލުންތަކެއް ވިދާޅުވެއްޖެއެވެ.

ވީގޫރު މުސްލިމުންގެ ހައްގުގައި އެމެރިކާގައި ވަކާލާތު ކުރަމުން އަންނަ ވީގޫރު-އެމެރިކާ ދަރިކޮޅުގެ އެކްޓިވިސްޓް، ރުޝާން އައްބާސް،20، ގެ އުހުތެއް ކަމަށްވާ ގުލްޝާން އައްބާސް ޖަލަށް ލުމަށް ޗައިނާއިން ނިންމާފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވާ، ދީނީ މިނިވަންކަމާ ބެހޭ އެމެރިކާގެ ކޮމިޝަން (ޔޫއެސްސާފް) ގެ ކޮމިޝަނަރު، ނޫރީ ތުރުކީލް ވިދާޅުވީ، ގައުމުން ބޭރުގައި ދިރިއުޅޭ ވީގޫރު އެކްޓިވިސްޓުންގެ އާއިލާ މެމްބަރުން ރަހީނުކޮށްގެން، އެ ފަދަ އެކްޓިވިސްޓުންގެ އަޑު ކަނޑުވާލުމަކީ ޗައިނާގެ ސަރުކާރުން އާންމުކޮށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ތުރުކީލް ވިދާޅުވީ ގައުމުން ބޭރުގައި ދިރިއުޅޭ ވީގޫރުގެ މުސްލިމުންވެސް ދިރިއުޅެނީ އަމިއްލަ ނަފުސާ، ޝީންޖިއާންގްގައި ތިބި އާއިލާ މެމްބަރުންގެ ސަލާމަތްތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވާ ހާލުގައި ކަމަށެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ރުޝާން އައްބާސް ބުނީ، ވީގޫރުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ދެމުންދާ ލާއިންސާނީ އަނިޔާގެ ވާހަކަ ފޯރަމެއްގައި ދެއްކިތާ 6 ދުވަހުގެ ތެރޭގައި، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ގުލްޝާން އައްބާސް ހައްޔަރި ކަމަށެވެ. އަދި ދައުވާ ކުރުމަށް ބޭނުން ކުރަނީ "ޓެރަރިޒަމް"ގެ ހުއްޖަތް ކަމަށްވެސް ރުޝާން ބުނެއެވެ.

ތުރުކީލް ވިދާޅުވީ އެމެރިކާގައި ދިރިއުޅެމުން އަންނަ ވީގޫރު އެކްޓިވިސްޓުންގެ ހައްގުގައި، ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް އެމެރިކާގެ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިދޭން ޖެހޭ ކަމަށެވެ.

ދާޑި ފަހުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ކުރިއަށް ގެންދިޔަ އެގްޒެކެޓިވް ކޮމިޝަން އޮން ޗައިނާގެ (ސީއީސީސީ)ގެ ބައްދަލުވުމުގައިވެސް، ގުލްޝާން އައްބާސް ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ. ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން މި ގޮވާލުމަށް ރައްދު ދިނީ، ގުލްޝާންގެ މައްޗަށް ޖަލު ހުކުމް އިއްވައިގެންނެވެ.

ޗައިނާގައި ވީގޫރު މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގާ ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބުނަމުންދާއިރު، ޗައިނާގެ ހާރިޖިއްޔާގެ ތަރުޖަމާނު ޝާއޯ ލީޖިއާން ވަނީ ހުސްވި ހަފުތާ ތެރޭގައިވެސް މިކަން ދޮގު ކޮށްފައެވެ.