ދުނިޔޭގައި މިވަގުތު އޮޕަރޭޓް ކުރާ އެންމެ ބޮޑު އޮންލައިން ރީޓޭއިލް ފިހާރަ 'އެމެޒޯން'ގެ ސީއީއޯ ކަމުގެ މަގާމުން، މަހުޖަނު ޖެފް ބޭޒޯސް، މިއަހަރު ވަކިވާނެ ކަމަށް އެމެޒޯން އިންކްއިން ހާމަކޮށްފިއެވެ.

މިއަހަރުގެ ފަހުކޮޅު، ސީއީއޯގެ މަގާމު ދޫކޮށްލުމަށްފަހު ބޭޒޯސް ދެން ހަވާލު ވާނީ އެ ކުންފުނީގެ އެގްޒެކެޓިވް ޗެއާމަން ކަމުގެ މަގާމާ ކަމަށް ހަބަރު ލިބެއެވެ.

މިއާއެކު އެމެޒޯންގެ ސީއީއޯގެ މަގާމަށް އިސްކުރާނީ، އެމެޒޯންގެ ކްލައުޑް ބިޒްނަސް ހިންގަމުން އަންނަ އޭންޑީ ޖެސީ ކަމަށް އެމެޒޯން އިންކްއިން އާންމު ކުރި ބަޔާނެއްގައިވެއެވެ.

ބޭޒޯސް އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެމެޒޯން އޭގެ ގޮތުގައި މިއަދު ފެންނަން އޮތީ، އާ އީޖާދުތަކުގެ ސަބަބުން ކަމަށެވެ. އެ ކުންފުންޏަށް ލިބޭ ކާމިޔާބީގެ އަސްލަކީވެސް އެއީ ކަމަށް ބޭޒޯސް ވަނީ ބުނެފައެވެ. އެހެން ކަމުން، މިއީ މިފަދަ ބަދަލެއް ގެންނަން އެންމެ އެކަށީގެންވާ ވަގުތު ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ބޭޒޯސް ވަނީ ބުނެފައެވެ.

އޮންލައިން ފޮތް ފިހާރައެއްގެ ގޮތުގައި ބެޒޯސް އެމެޒޯން ހިންގަން ފެށީ މީގެ 27 އަހަރު ކުރިންނެވެ. ނަމަވެސް، ވިޔަފާރި ކޮޅަށް ޖަހަމުން ގޮސް، މިއަދު ބޭޒޯސްގެ މިލްކިއްޔާތުގެ އަގު ވަނީ 196.2 ބިލިއަން ޑޮލަރަށް އަރާފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ އިނދަޖެހުނު އިރުވެސް، އެމެޒޯން ކުންފުންޏަކީ މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ރެކޯޑް ކުރި ކުންފުންޏެކެވެ.