އާދީއްތަ ދުވަހުގެ ރޭ، ދަންވަރުގެ ވަގުތަކުން ފެށިގެން މިޔަންމާގައި ހިންގަމުންދާ އަސްކަރީ ބަޣާވާތުގެ ތެރެއިން ހައްޔަރު ކޮށްފައިވާ ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން މިހާރު ތިބީ، މިޔަންމާގެ ވެރިރަށުގައި، އަނގަމަތި ހާ ޑިޓެންޝަން ސެންޓަރެއްގައި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ޑިޓެންޝަން ސެންޓަރުގައި ހުންނެވި މަޖިލީސް މެމްބަރަކު އެސޯސިއޭޓަޑް ޕްރެސްއާއި ފޯނުން ވާހަކަދައްކަވަމުން ވިދާޅުވީ، އޭނާއާއެކު 400 ސަތޭކައެއްހާ މަޖިލިސް މެމްބަރުން އެ ސެންޓަރުގައި ހައްޔަރު ކޮށްފައި ވާ ކަމަށެވެ. އެކަކު އަނެކަކާ ވާހަކަ ދައްކާ ހެދޭ ކަމަށާ، އެމީހުންގެ ދާއިރާތަކާވެސް ފޯނު މެދުވެރިކޮށް ވާހަކަ ދެއްކޭ ކަމަށެވެ. ނަމަވެސް ހައްޔަރު ކޮށްފައި ތިބި ސަރަހައްދު ދޫކޮށް ދިއުމުގެ އިޒުނައެއް ނެތް ކަމަށް އެ މެމްބަރު ވިދާޅުވި ކަމަށްވެސް ހަބަރު ލިބެއެވެ.

ޑިޓެންޝަން ސެންޓަރު ތެރެއިން ވާހަކަދެއްކެވި މަޖިލީސް މެމްބަރާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ސެންޓަރުގެ އެތެރޭގައި ފޯރިމަރަމުން ދަނީ ފުލުހުންނެވެ. ސެންޓަރުން ބޭރުގައި ފޯރިމަރަނީ އަސްކަރީ ސިފައިންނެވެ.

މިޔަންމާގެ ޑިމޮކްރަސީ ލީޑަރުގެ ގޮތުގައި ސިފަކުރަމުން އަންނަ އާންގް ސަން ސޫޗީވެސް އިންނެވީ އެ ސެންޓަރުގައި ކަމަށާ، އެ ތަނުގައި ތިއްބެވި އެއްވެސް މެމްބަރަކަށް ހަމަޖެހުމެއް ލިބިފައި ނުވާ ކަމަށް މަޖިލިސް މެމްބަރު ވަނީ ވިދާޅުވެފައެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކޮށް، ވެރިކަން ކުރާ ޕާޓީގެ އިސް ލީޑަރުން ހައްޔަރު ކުރީ މަޖިލީހުގެ އާ ދައުރު ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. އަސްކަރިއްޔާއިން ބަޣާވާތް ކޮށް، ގައުމުގެ ކޮންޓްރޯލް ނެގީ، ނޮވެމްބަރު 2020 ގައި ކުރިއަށް ގެންދިޔަ އިންތިހާބު ސައްހަ ނޫން ކަމަށް، އަސްކަރިއްޔާއިން ކުރަމުން ދިޔަ ދައުވާއަށް ސަރުކާރުން އިޖާބަ ދީފައި ނުވުމުގެ ސަބަބުން ކަމަށް ބުނެވެއެވެ.

މިޔަންމާގެ ގާނޫނު ހަދާ މަޖިލީހުގެ 4 ބައިކުޅަ 1 ބައި ގޮނޑިއަކީ އަސްކަރިއްޔާއަށް ދީފައިވާ ގޮނޑިއެވެ. އަދި ޔޫނިއަން ސޮލިޑޭރިޓީ އެންޑް ޑިވަލޮޕްމަންޓް ޕާޓީ (ޔޫއެސްޑީޕީ)ގެ ނަމުގައި އަސްކަރިއްޔާގެ ޕްރޮކްސީ ޕާޓީއަކުން މަޖިލީހުގައި ހަރަކާތްތެރިވެއެވެ.

މިޔަންމާގެ ބަޣާވާތާ ގުޅިގެން ބައިނަލްއަގުވާމީ ލީޑަރުން ގެންދަވަނީ އެކަން ކުށްވެރި ކުރައްވަމުންނެވެ. މިޔަންމާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ. ނަމަވެސް މިކަމުގައި ޗައިނާއިން ވަނީ ވަކި ފަރާތެއް ކުށްވެރި ކުރުމަށް އިންކާރު ކޮށްފައެވެ. ޗައިނާއިން ބުނަމުންދަނީ ހުރިހާ ފަރާތަކުންވެސް ހިޔާލު ތަފާތުވުންތައް ނައްތާލަން ޖެހޭ ކަމަށެވެ.