މިޔަންމާގައި ހަމަޖެހުމާއި ސުލްހަ ގާއިވުމަށް އެދޭ ކަމަށާ، ހަމަ އެހެންމެ، ކުރިއަށް ނުގޮސް ހުއްޓިފައިވާ ރޯހިންޏާގެ މުސްލިމު ރެފިއުޖީން ބަދަލު ކުރުމުގެ މަސައްކަތް ހިންގައިގަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް، މިޔަންމާގައި ހޯމަ ދުވަހު ކުރި އަސްކަރީ ބަޣާވާތަށް ފަހު ބަންގްލަދޭޝްއިން ބުނެފިއެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް 2017 ވަނަ އަހަރު ހިންގި ގަތުލުއާންމާ ގުޅިގެން، މިޔަންމާ ދޫކޮށްލި މިލިއަނެއްހާ ރެފިއުޖީންނަށް ހިޔާވަހިކަން ދެމުން ދަނީ ބަންގްލަދޭޝްއިންނެވެ. ނަމަވެސް މިކަމަކީ ބަންގްލަދޭޝްގެ ސަލާމަތާއި މާލިއްޔާތަށް އޮތް ގޮންޖެހުމަކަށް ވެ، ބަންގްލަދޭޝްއިން ދަނީ، ސުލްހަވެރި ރޫހެއްގައި، އަމިއްލަ އިހުތިޔާރުގައި ރެފިއުޖީން މިޔަންމާއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، މިކަމަށް އަދިވެސް އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މިޔަންމާއިން ދަނީ ރޯހިންޏާ ދަރިކޮޅުގެ މީހުންނަށް ދާއިމީ ރަށްވެހިކަން ދިނުމަށް އިންކާރު ކުރަމުންނެވެ. މިޔަންމާއިން ބުނާ ގޮތުގައި ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނަކީ ހަގީގަތުގައި "ބަންގާޅުން"ނެވެ. ނުވަތަ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. ނަމަވެސް ބަންގްލަދޭޝްއިން މިކަން ބަލައިގަތުމަށް އެއްބަހެއް ނުވެއެވެ.
އދވެސް މެދުވެރިއެއްގެ ގޮތުގައި އޮވެގެން، ރެފިއުޖީން މިޔަންމާއަށް ގެންދިއުމުގެ މަސައްކަތް ބަންގްލަދޭޝްއިން ފެށި ނަމަވެސް، އެދެވޭ ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ. މިޔަންމާގެ ކޮންޓްރޯލް އޮތް ފަރާތް ބަދަލުވީ ކަމުގައި ވީ ނަމަވެސް، އެދެވޭ ރޫހެއްގައި ރެފިއުޖީން ރީލޮކޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބަންގްލަދޭޝްގެ ހާރިޖީ ވުޒާރާއިން އާންމު ކުރި ބަޔާނެއްގައި ވަނީ ފާހަގަ ކޮށްފައެވެ.
ބަންގްލަދޭޝްއިން ބުނީ މިޔަންމާގައި ޑިމޮކްރަސީއާއި ގާނޫނު ނަގަހައްޓާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ނަމަވެސް ބަންގްލަދޭޝްގައި ތިބި މިޔަންމާގެ ރޯހިންޏާ ދަރިކޮޅުގެ މީހުން ދަނީ، އަސްކަރިއްޔާގެ މުށުތެރެއަށް ގައުމުގެ ލަގަން ނެގުމާއެކު، ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިޔަންމާގެ އަސްކަރިއްޔާގެ ހައްޔަރަށް، އެ ގައުމުގެ ލީޑަރު އާންގް ސަން ސޫޗީ ގެންގޮސްފައި ވާއިރު، ރެފިއުޖީން ބުނީ، ސޫޗީއަކީވެސް ވަކި ރަނގަޅު ލީޑަރެއް ނޫން ކަމަށާ، ނަމަވެސް ޑިމޮކްރަސީގެ ތެރެއިން ކޮންމެވެސް ވަރެއްގެ އުއްމީދެއް ސޫޗީގެ ވެރިކަމުގައި އޮތް ކަމަށެވެ. އަދި މިޔަންމާގައި މިވަގުތު ތިބި ރޯހިންޏާ މުސްލިމުންނާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށްވެސް، ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުން، ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.