އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ދިފާއީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ބައްދަލުވުމުގައި، އިންޑިއާއިން ތަރައްގީ ކޮށްފައިވާ ދިފާއީ ބައެއް އާލާތްތައް އެ ގައުމުތަކަށް ވިއްކުމަށް އިންޑިއާއިން މަސައްކަތް ކުރާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.
ވާދަވެރި ޗައިނާއާ ދެމެދު ސަރަހައްދީ ކުރިމަތިލުމަކަށް ގޮސްފައި ވަނިކޮށް، މި މަހުގެ 4 ވަނަ ދުވަހު އިންޑިއާގައި ފަށާ އިންޑިއަން އޯޝަން ރީޖަން (އައިއޯއާރް) ދިފާއި ވަޒީރުންގެ ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ސަލާމަތީ ގޮތުން މި ގައުމުތަކަށް ކުރިމަތިލާން ޖެހިފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމެވެ. އަދި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތައް ދެނެގަތުމެވެ.
މި ބައްދަލުވުމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ބުރާސްފަތި ދުވަހު އޮންނަ ދިފާއީ ވަޒީރުންގެ ބައްދަލުވުމަކީ، ބެންގަލޫރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭރޯ އިންޑިއާ އިވެންޓްގެ ބައެކެވެ.
"އެންހޭންސްޑް ޕީސް، ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން އިންޑިއަން އޯޝަން"ގެ ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ބައިވެރިވުމަށް، 28 ގައުމަކަށް އިންޑިއާއިން ވަނީ ދައުވަތު ފޮނުވާފައެވެ. ހައިބްރިޑް އުސޫލުން ކުރިއަށް ގެންދާ މި އިވެންޓަށް ހާޒިރުވެގެންނާއި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު އިންޑިއާއިން ހުޅުވާލާފައި ވާ ކަމަށް ހަބަރު ލިބެއެވެ.
ދިފާއީ ވަޒީރުންގެ ބައްދަލުވުން ނިންމާލުމާއެކު އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއާއި ދިފާއީ ވުޒާރާގެ ޕްރޮޑަކްޝަން ޑިޕާޓްމަންޓްއިން 2 ސެމިނާއެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލު ކޮށްފައެވެ.
އައިއޯއާރްއަކީ އިންޑިއާގެ އިސްތިރާޖީ ސަމާލުކަމުގެ ސަމުގާ އެ މިސްރާބަކަށް އަމާޒުވެފައިވާ ސަރަހައްދެކެވެ.
ޗައިނާއިންވެސް އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އަތްގަދަކޮށް، ބާރާއި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ދާއިރު، ދިފާއީ ވަޒީރުންގެ ބައްދަލުވުމުގެ ފުރިހަމަ ބޭނުން، އިންޑިއާގެ ދިފާއީ ސިނާއަތުން ހިފާނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ލަފާ ކުރެއެވެ. އެގޮތުން، އެންމެ ހާއްސަ ސަމާލުކަމެއް ދޭނެ އެއް އިވެންޓަކީ، އޭރޯ އިންޑިއާ ޝޯ ކަމަށާ، މިއީ އިންޑިއާގައި އުފައްދާ ދިފާއީ އާލާތްތައް، އެކުވެރި ގައުމުތަކަށް ވިއްކުމަށް އިންޑިއާއިން ބޭނުން ކުރާނެ އިވެންޓެއް ކަމަށް ހަބަރު ލިބެއެވެ.
ކަމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާގެ ދިފާއީ ސިނާއަތުން މިހާރު ދަނީ، ހަލުވި ދުވެލީގައި ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރާނެ އުޅަނދު ފަހަރުތަކާއި، ވައިގެ ދިފާއީ ނިޒާމުތައް ތަރައްގީ ކުރަމުންނެވެ.
މިއީ އިންޑިއާ ކަނޑުގެ ގައުމުތަކަށް އިންތިހާއަށް މުހިންމު އާލާތްތަކެއް ކަމަށް އިންޑިއާއިން ގަބޫލު ކުރެއެވެ. އެގޮތުން ވަކިވަކި ގައުމުތަކުގެ ވަނަވަރަށް ބަލައިގެން، އިންޑިއާއިން ދިފާއީ ބޭނުންތައް ވިލަރެސް ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ. މީގެ ތެރޭގައި ހުޅަނގުގެ ބާރުތަކުން ތަރައްގީ ކުރާ ދިފާއީ އާލާތްތައް ގަތުމުގެ މާލީ ތަނަވަސްކަން ނެތް ގައުމުތައްވެސް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.
ދިފާއީ ވަޒީރުންގެ ބައްދަލުވުމުގައި އިސްކޮށް ހުންނަވާނީ އިންޑިއާގެ ދިފާއީ ވަޒީރު ރާޖުނާތު ސިންހްއެވެ. މި ބައްދަލުވުމަކީ، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ދިފާއާއި އިގުތިސޯދީ ކުރިއެރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިންޑިއާއިން ދެމުންދާ ހާއްސަ އަހައްމިއްޔަތު ކަމުގެ މުހިންމު ބައެއް ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެއެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގެ ދިފާއީ ވަޒީރުންނާއެކު އިންޑިއާއިން ދިފާއީ އަދި ސަލާމަތާ ބެހޭ މުހިންމު ބައްދަލުވުމެއް ފަށާ މި ދަނޑިވަޅަކީ، އިންޑިއާއާއި ޗައިނާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި މަސްރަހު ނުތަނަވަސްވެ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާއިން އަސްކަރީ ހަރަކާތްތައް ވަރުގަދަ ކޮށްފައި ވާ ދަނޑިވަޅެކެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދަކީ އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއަށް މުހިންމު އިހުތިސޯސަކަށް ވާއިރު، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޑިޕްލޮމަސީއަކީ އިންޑިއާގެ އިސްތިރާޖުތަކުގެ މުހިންމު ބައިވެރިއެއް ކަން، އިންޑިއާގެ މީޑިއާއިން ފާހަގަ ކުރެއެވެ.
އޭޝިއާ ސަރަހައްދުގެ ވައިގެ ދައްކާލުންތަކުގެ އެންމެ ބޮޑު އެގްޒިބިޝަންގެ ގޮތުގައި ސިފަކުރަމުން އަންނަ އޭރޯ އިންޑިއާގެ އާ އެޑިޝަން އޮންނާނީ މިމަހުގެ 3 އިން 5 އަށް، އިންޑިއާގެ ބެންގަލޫރުގައެވެ. މި އެގްޒިބިޝަނާއި ދިފާއީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ މިއަދުގެ ވަގުތެއްގައި އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.