މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ވުރެ ނުރައްކާ ބަލިމަޑުކަމެއް، ފަންގަހެއްގެ ޒަރިއްޔާއިން ފެތުރިދާނެ ކަމުގެ އިންޒާރު، ސައެންސްވެރިން ދީފިއެވެ.

ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ސައެންސްވެރިންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ކޮވިޑް-19އަށް ވުރެ ނުރައްކާ ބަލިމަޑުކަމަކަށް މަގުފަހި ކުރަނީ، "ކެންޑީޑާ އޯރިސް" ނަމަކަށް ކިއާ، ޔީސްޓު ފަދަ ފަންގަހެކެވެ. މިއީ 1300ގެ މެދަކާ ހިސާބުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަމުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ބްލެކް ޕްލާގް ނުވަތަ ބިއުބޯނިކް ޕްލާގްއާ ދާދި އެއް ގޮތް ކަމެއް ހުރި "ކެންޑީޑާ އޯރިސް" (ސީއޭ) ނަމަކަށް ކިއާ ފަންގަހަކުންނެވެ.

ބިއުބޯނިކް ޕްލާގްއާ ދާދި އެއް ގޮތް ކަމެއް ހުރި "ކެންޑީޑާ އޯރިސް" (ސީއޭ) ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފޮޓޯ: ސީޑީސީ ބްލޮގްސް

ސީޑީސީއިން ބުނާ ގޮތުގައި، ލޭގެ ތެރެއަށް މި ފަންގަހުގެ އަސަރު ފޯރައިފިނަމަ ފުރާނައަށް ނުރައްކާވެއެވެ. ހޮސްޕިޓަލުތަކުގައި ބޭނުން ކުރާ ކެތީޓާ ނުވަތަ އެނޫންވެސް ހޮޅިލައްވާ ޒާތުގެ އާލާތްތަކުގެ ޒަރިއްޔާއިން މި ފަންގަސް، ހަށީގަނޑަށް އެތެރެވެއްޖެނަމަ އެއަށްވުރެ އަދި މާ ނުރައްކާ ވާނެ ކަމަށްވެސް ސައެންސްވެރިން ވަނީ އިންޒާރު ކޮށްފައެވެ.

ސީއޭ ފަންގަސް އެންމެ ފުރަތަމަ ދެނެގަނެވުނީ 2009 ވަނަ އަހަރުއެވެ. އަދާ ޖެހުނު އިރުވެސް، މި ފަންގަހަކީ، ފަންގަހާ ދެކޮޅަށް ބޭނުން ކުރާ ޑްރަގްތަކުގެ މައްޗަށް ކުރި ހޯދާފައިވާ ފަންގަހެކެވެ.

ބިއުބޯނިކް ޕްލާގްއާ ދާދި އެއް ގޮތް ކަމެއް ހުރި

އިމްޕީރިއަލް ކޮލެޖު، ލަންޑަންގެ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ޖޮހޭނާ ރޯޑްޒް ވިދާޅުވާ ގޮތުގައި، މި ފަންގަހަކީ އެކި ސަތަހާގައި ގިނަ ވަގުތަށް ދިރިހުންނަ ފަންގަހެކެވެ. އެގޮތުން، ދިރުމެއް ނެތް ސަތަހަ ތަކުގައިވެސް ގިނަ ވަގުތަށް މި ފަންގަސް ދިރި ހުންނަ ކަމީ އިންތިހާއަށް ބިރުގަންނަ ސަބަބެއް ކަމަށް ރޯޑްޒް ވިދާޅުވިއެވެ.

މިފަދަ ނުރައްކާ ފަންގަހާއި ވައިރަސް އިންސާނުންނާ ހިސާބަށް އަންނަނީ އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށް ސައެންސްވެރިން ދަނީ ކެނޑިނޭޅި އިންޒާރު ކުރަމުންނެވެ. އެގޮތުން ގުދުރަތީ ވެއްޓަށް ގެއްލުންދިނުމަކީ މިފަދަ އެންމެ ބޮޑު އެއް ސަބަބު ކަމަށް ސައެންސްވެރިން ބުނެއެވެ.