މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ޗައިނާގައި "ފޭކު ކޮވިޑް ވެކްސިން" ވިއްކަމުން ދިޔަ ރިންގެއް ހޯދާ، އެ ކަމާ ގުޅިގެން ބަޔަކު ހައްޔަރު ކޮށްފައި ވާ ކަމަށް ޗައިނާއިން ހާމަކޮށްފިއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ (ޝީންހުއާ) އިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ފޭކު ވެކްސިން ރިންގާ ގުޅިގެން، ޖިއާންގްސޫ، ބެއިޖީންގް އަދި ޝެންޑޯންގް އިން 80 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

ޝީންހުއާއިން ބުނީ، މިކަމާ ގުޅިގެން ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީއިން ތަހުގީގުތަކެއް ހިންގަމުން އަންނަ ކަމަށެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން "ފޭކު ވެކްސިން"ގެ ޖަރީމާ ހިންގަމުން އަންނައިރު، މާލީ ގޮތުން ބޮޑު ފައިދާއެއްވެސް މި މީހުން ނަގަމުން އަންނަ ކަން، ތަހުގީގުތަކަށް އެނގިފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ޗައިނާއިން މިހާރުވެސް ދަނީ ރަސްމީ ސިފައެއްގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ގައުމީ ފެންވަރުގައި ވެކްސިން ކެމްޕޭން ހިންގަމުންނެވެ. މި ކެމްޕޭންގައި ބޭނުން ކުރަނީ 2 ކުންފުންޏެއްގެ ވެކްސިނެވެ. މި ކެމްޕޭންގައި ބޭނުން ކުރަނީ ސީނޯވެކްއާއި ސީނޯފާމްގެ ވެކްސިންތަކެވެ. މި 2 ވެކްސިނަކީ އެހެން ގައުމުތަކުގައިވެސް ބޭނުން ކުރާ ވެކްސިންތަކެކެވެ.