މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގެ ކޮންޓްރޯލް ނަގާ، ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ.

މިޔަންމާގެ ކޮންޓްރޯލް، އެ ގައުމުގެ އަސްކަރިއްޔާގެ މުށުތެރެއަށް ގެންގޮސްފައި ވާއިރު، ރޭ ދަންވަރުގެ ވަގުތެއްގައި އެ ގައުމުގެ މަދަނީ ލީޑަރު އާންގް ސަން ސޫޗީއާއި ވެރިކަން ކުރާ ޕާޓީގެ އިސްވެރިން، އަސްކަރިއްޔާގެ ބެލުމުގެ ދަށުށް ގެންގޮސް، ހައްޔަރު ކޮށްފައި ވާ ކަމަށް މައުލުމާތު ލިބެއެވެ.

ކޮންމެ ދިމާލެއްގައިވެސް "ބާޣީން" އުޅޭ

މިޔަންމާގެ މަސްރަހަށް އިޝާރާތް ކުރައްވާ ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، މިޔަންމާއިން މިއަދު ފެނިގެންދާ މަންޒަރުތަކަކީ ފެބުރުއަރީ 7، 2012ގައި ރާއްޖެއިން ފެނިގެންދިޔަ މަންޒަރުތަކާ އެއް ގޮތް ކަމެއް ހުރި މަންޒަރުތަކެއް ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް

ފެބުރުއަރީ 7 ވަނަ ދުވަހު ދިވެހި ސަލާމަތީ ބާރުތަކުން ބަޔަކު މަގުތަކަށް ނިކުމެ، އިދިކޮޅު ފަރާތްތަކަށް އެއްބާރުލުން ދީ، ގައުމުގެ ހަމަޖެހުން ނުރައްކަލަށް ހުށަހެޅުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި އޭރު ފައްކާވަމުން އައި ފުރަތަމަ ޑިމޮކްރަޓިކް ސަރުކާރު ވައްޓާލިއެވެ.

އެ ދުވަހުގެ ހާދިސާތަކާއި މިޔަންމާގައި މިހާރު ހިންގަމުންދާ ކަންކަމަށް ރިއާޔަތް ކުރައްވަމުން ނަޝީދު ވިދާޅުވީ، މިކަމުންވެސް އަންގައިދެނީ މުއައްސަސާތައް އިސްލާހް ކުރަން ޖެހިފައި އޮތް އޮތުމުގެ މުހިންމު ކަން ކަމަށެވެ. ކޮންމެ ދިމާލެއްގައިވެސް ބާޣީން އުޅޭނެ ކަމަށާ، މާލެއާއި، މިޔަންމާގެ ރަންގޫންއާއި އެމެރިކާގެ ވޮޝިންގްޓަންގައިވެސް މި ބައި މީހުން އުޅޭނެ ކަމަށާ، މިފަދަ މީހުންނަށް ސަމާލުވާން ޖެހޭ ކަމަށް ނަޝީދުގެ ޓްވީޓްގައި ވަނީ ގޮވާލައްވާފައެވެ.

ނިމިދޔަ ޖެނުއަރީ 7 ވަނަ ދުވަހު އެމެރިކާގެ ކެޕޮޓޮލް ބިލްޑިންގް ސަރަހައްދުގައި ހިންގި ޖަރީމާއާ ގުޅިގެންވެސް ނަޝީދު ވަނީ މިފަދަ ރޫހެއްގައި ޓްވީޓް ކުރައްވާފައެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުން ފޯރިމަރަނީ / ފޮޓޯ: މިޔަންމާ ނައު

މިޔަންމާގެ ހާލަކީ ކޮބާ؟

މިދިޔަ ނޮވެމްބަރު މަހުގެ އިންތިހާބަށް ފަހު ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުން އަންނަ މިޔަންމާގައި އަސްކަރީ ބަގާވާތެއްގެ ކުލަވަރު ޖެހެމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ސިޔާސީ ހަމަނުޖެހުންތަކުގެ އަޑު ގަދަވަމުން ގޮސް، ރޭގެ ރެއިޑްތަކުގައި އިސްވެރިން ހައްޔަރުކޮށް، މުޅި ގައުމުގެ ކޮންޓްރޯލް މިހާރު ވަނީ އަސްކަރިއްޔާގެ ދަށަށް ގެންގޮސްފައެވެ.

އަސްކަރިއްޔާއިން ކޮންޓްރޯލް ކުރާ ޓީވީ މެދުވެރިކޮށް އެ މުއައްސަސާއިން ބުނީ، ގައުމުގެ ކޮންޓްރޯލް މިހާރު އޮތީ އަސްކަރީ ލީޑަރު، ސީނިއާ ޖެނެރަލް މިން އާންގް ހަލައިންގަށް ކަމަށެވެ.

މިޔަންމާގައި ހިންގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅުގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން، އެމެރިކާއާއި އޮސްޓްރޭލިއާއިން މިހާރު ވަނީ ރަސްމީ ސިފައެއްގައި މިޔަންމާގެ "ބަގާވާތް" ކުށްވެރި ކޮށްފައެވެ.

މިޔަންމާގެ އަސްކަރީ ލީޑަރު މިން އާންގް ހަލައިންގް / ފައިލް ފޮޓޯ: ޔީ އާންގް ތޫ

ވައިޓްހައުސްގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ، މިޔަންމާގައި އެންމެ ފަހުން ކުރިއަށް ގެންދިޔަ އިންތިހާބުގެ ނިންމުން ބާތިލު ކުރަނިވި ކޮންމެ އަމަލަކާ އެމެރިކާއިން ދެކޮޅު ކަމަށެވެ. މިހާރު މިޔަންމާގައި ހިންގަމުންދާ ޖަރީމާތައް އިސްލާހު ނުކޮށްފިނަމަ އެ ބަޔަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ސާކީ ވަނީ ދެއްވާފައެވެ.

އެއް ޒަމާނެއްގައި އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް މިޔަންމާގައި އަސްކަރީ ވެރިކަމެއް ކުރަމުން އަންނަތާ އެތައް އަހަރަކަށް ފަހު ޑިމޮކްރަޓިކް ވެރިކަމަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަން ފެށީ 2008 ވަނަ އަހަރުއެވެ. ނަމަވެސް، މިޔަންމާގެ ގާނޫނު ހަދާ މަޖިލީހުގެ 4 ބައިކުޅަ 1 ބައި ގޮނޑިއަކީ އަސްކަރިއްޔާއަށް ދީފައިވާ ގޮނޑިއެވެ. އަދި ޔޫނިއަން ސޮލިޑޭރިޓީ އެންޑް ޑިވަލޮޕްމަންޓް ޕާޓީ (ޔޫއެސްޑީޕީ)ގެ ނަމުގައި އަސްކަރިއްޔާގެ ޕްރޮކްސީ ޕާޓީއަކުން މަޖިލީހުގައި ހަރަކާތްތެރިވެއެވެ.