ޏ. ފުވައްމުލަކުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މިއަދު އިތުރު ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއާއެކު ޖުމްލަ އަދަދު 5 އަށް އަރާފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވް ވެފައި ވަނީ އެރަށުގައި ކަރަންޓީންގައި ތިބި ދެ މީހަކު ކަރަންޓީން ނިންމުމަށް ފަހު ދޫކޮށްލުމަށް ނެގި ސާމްޕަލުން ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ފަސް މީހަކު އެ ރަށުގައި މިހާރު ތިބި ނަމަވެސް ފުވައްމުލަކަށް އަރާ ފޭބުން މަނާކޮށްފައިނު ވާ ކަަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

ފުވައްމުލަކުން ޕޮޒިޓިވް އިތުރު 2 މީހަކު ފެނިފައި ވާއިރު، އެ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހައިރިސްކް ދެ މީހުން، އެރަށުގެ ކޮވިޑް ފެސިލިޓީއަށް ބަދަލު ކޮށްފައި ވަނީ މިއަދުއެވެ.

އެ ދެމީހުން ޕޮޒިޓިވް ވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ފުވައްމުލަކުން ޕޮޒިޓިވް ދެ ކޭސްއެއް ފެނުމާ ގުޅިގެން އެރަށު ހޮސްޕިޓަލުން ވަނީ ކޮވިޑް-19 ބަލި ފެތުރޭލެއް އަނެއްކާ ވެސް އިތުރުވެފައި ވާތީ ރައްޔިތުން، ރައްކާތެރި ކަމަށް އިތުރު ސަމާލުކަން ދިނުމާށް އިލްތިމާސް ކޮށްފައެވެ. އެގޮތުން، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ބޭރުގައި އުޅޭއިރު މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވުން އާދަ ކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ހަމައެއާއެކު، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ފުރަތަމަ ހޮސްޕިޓަލަށް ގުޅާ އެފަދަ އަލާމާތެއްގެ ވާހަކަ ހިއްސާ ކުރުމަށާއި، ހޮސްޕިޓަލުން ދޭ އިރުޝާދާއެކު ޑޮކްޓަރަށް ދެއްކުމަށް ދިއުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެ ހޮސްޕިޓަލުން ވަނީ، އެންމެންގެ ރައްކާތެރި ކަމަށްޓަކައި ސިއްހީ އެހީތެރިންގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ވެސް އެދިފައެވެ.