2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓާގައި ސަރުކާރުގެ ކުންފުނި ސްޓޭޓް ޓްރޭޑިންގް އޯގައިނަޒޭޝަން (އެސްޓީއޯ) އަށް 1.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓާގެ ސާފު ފައިދާއަކީ 91 މިލިއަން ރުފިޔާ ކަމަށެވެ. އެއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާއާއި އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.
އެގޮތުން މިދިޔަ އަހަރުގެ 4 ވަނަ ކުއާޓާގައި ކޮވިޑް-19 ގެ ހާލަތުގައިވެސް އެންމެ އިސްކަމެއް ދީފައިވަނީ ބޭހާއި ކާޑާއި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، އެސްޓީއޯއިން ވަނީ ކޮވިޑް-19 ގެ ސަބަބުން ސިއްހީ ދާއިރާއަށް ބޭނުންވި މެޑިކަލް ކޮންސިއުމަބަލްސްއާއި އިކުއިޕްމަންޓްގެ އިތުރުން ސަރުކާރުން ޓާޝަރީ ފެންވަރަށް ގެންނަ، 4 ހޮސްޕިޓަލް ޕްރޮޖެކްޓަށް ބޭނުންވާ އިކުއިޕްމަންޓްވެސް ފޯރުކޮށްދީފައި ކަމަށެވެ.
އެސްޓީއޯގެ 4 ވަނަ ކުއާޓާގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، ޖުމްލަ ފައިދާގެ ގޮތުގައި 378 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާއާއި އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.
އެ ކުންފުނީގެ ހިންގުމުގެ ހަރަދު، 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ވަނީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓާއާއި އަޅާބަލާއިރު ގާތްގަނޑަކަށް 4 އިންސައްތަ އިތުރުވެފައިވާ ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 އަށް ރިއާޔަތް ކޮށްގެށް ކަސްޓަމަރުންނަށް ދީފައިވާ ކްރެޑިޓް މުއްދަތު އިތުރުކުރުމާއި ޕްރޮވިޝަން ހިސާބު ކުރުމަަށް ބޭނުން ކުރާ މިންގަނޑުތަކަށް ގެނެވުނު ބަދަލާ އެކު ޕްރޮވިޝަންސް އިތުރުވުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ނިމިދިޔަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީއަކީ 7.2 ބިލިއަން ރުފިޔާއެވެ. ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރެވިފައި ވުމާއެކު ކުންފުނީގެ ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 410 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެއީ އޭގެ ކުރީ އަަހަރާއި އަޅާބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން އާންމު ހިއްސާދާރުން ހިމެނޭ ކުންފުންޏަކަށް ވާތީ އަދި ދިވެހިރާއްޖޭގެ އިގްތިސޯދަށް ބޭނުންވާ، ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށްވާތީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެ ދާއިރާތަކަށް އިންވެސްޓްކުރުމަށާއި ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށެވެ.
އެގޮތުން އެސްޓީއޯއިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަަސާސީ ހިދުމަަތްތައް، މެދުކެނޑުމެއްްނެތި ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށެވެ.