ފުވައްމުލައް ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހައިރިސްކް ދެ މީހުން، އެރަށުގެ ކޮވިޑް ފެސިލިޓީއަށް ބަދަލު ކޮށްފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ފައްސިވެފައިވާ 'ހައި ރިސްކް' 2 ބަލި މީހުން ރޭ 11:30 ހާއިރު، އެ ހޮސްޕިޓަލުގައި ގާއިމު ކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ބަދަލު ކޮށްފައި ވާ ކަމަށެވެ. އަދި އެއީ 70 އަހަރުގެ ފިރިހިނެކާއި 61 އަހަރުގެ އަންހެނެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ދެ މީހުންނަކީ 10 ދުވަހުގެ ކަރަންޓީން މުއްދަތު ނިންމުމާ ގުޅިގެން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓްގައި ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ދެ މީހުންނެވެ. ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މި ބަލި މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ހިނގަމުން ދާނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ހަރަކާތްތެރިވާ ކްލިނިކަލް މެޑިކަލް އެޑްވައިޒަރީ ޓީމު ގުޅިގެން ކަމަށެވެ.

މި ދެމީހުން ޕޮޒިޓިވް ވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ފުވައްމުލަކުން ޕޮޒިޓިވް ދެ ކޭސްއެއް ފެނުމާ ގުޅިގެން އެރަށު ހޮސްޕިޓަލުން ވަނީ ކޮވިޑް-19 ބަލި ފެތުރޭލެއް އަނެއްކާ ވެސް އިތުރުވެފައި ވާތީ ރައްޔިތުން، ރައްކާތެރި ކަމަށް އިތުރު ސަމާލުކަން ދިނުމާށް އިލްތިމާސް ކޮށްފައެވެ. އެގޮތުން، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ބޭރުގައި އުޅޭއިރު މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވުން އާދަ ކުރުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.

ހަމައެއާއެކު، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ފުރަތަމަ ހޮސްޕިޓަލަށް ގުޅާ އެފަދަ އަލާމާތެއްގެ ވާހަކަ ހިއްސާ ކުރުމަށާއި، ހޮސްޕިޓަލުން ދޭ އިރުޝާދާއެކު ޑޮކްޓަރަށް ދެއްކުމަށް ދިއުމަށް ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ. އަދި އެ ހޮސްޕިޓަލުން ވަނީ، އެންމެންގެ ރައްކާތެރި ކަމަށްޓަކައި ސިއްހީ އެހީތެރިންގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ވެސް އެދިފައެވެ.