ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، އަހުވަންތަ ބަންގްލަދޭޝްއިން ވެކްސިން ކެމްޕޭން ފަށައިފިއެވެ.

ބަންގްލަދޭޝްގެ ކޮވިޑް ވެކްސިން ކެމްޕޭން މިއަދު ފަށާފައި ވާއިރު، ކުރިއަށް އޮތް މަދު މަސްކޮޅެއްގެ ތެރޭގައި، 30 މިލިއަން ޑޯޒްގެ ވެކްސިން ޖެހުމަށް އެ ގައުމުން ވަނީ އަމާޒު ހިފާފައެވެ.

ބަންގްލަދޭޝްގެ ވެކްސިން ކެމްޕޭންގައިވެސް ބޭނުން ކުރަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށްފައި ވާ ވެކްސިނެވެ.

ކެމްޕޭންގެ ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒްތައް މިއަދު ޖަހާފައި ވަނީ، ވެރިރަށް ޑާކާގައި ހިންގާ ކުރުމިތޯލާ ޖެނެރަލް ހޮސްޕިޓަލްގައެވެ.

ބަންގްލަދޭޝްގެ މިނިސްޓާ އޮފް ހެލްތު އެންޑް ފެމިލީ، ޒާހިދު މާލިކު ވިދާޅުވީ، ވެކްސިން ކެމްޕޭން ފެށުމުގެ ގޮތުން މިއަދު 5 މީހުންނަށް ވެކްސިން ދީފައި ވާ ކަމަށެވެ. އެ ހުރިހާ އެންމެނާވެސް ބައްދަލުވެ، ވާހަކަދައްކާފައި ވާނެ ކަމަށާ، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވެކްސިން ޖެހި މީހުންގެ ކިބައިން ނޭދެވޭ އެއްވެސް އަސަރެއް ފާހަގަ ނުވާ ކަމަށްވެސް ޒާހިދު ވަނީ ވިދާޅުވެފައެވެ.

ވެކްސިން ކެމެޕޭން ފެށުމުގެ ގޮތުން ވެކްސިން ޖެހި 5 މީހުންގެ އިތުރުން، އަދި 25 މީހަކަށް މިއަދު ވެކްސިން ދިނުމަށް އޮތީ ނިންމާފައެވެ. އެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މާދަމާ، އެއް ވަގުތެއްގައި 5 ހޮސްޕިޓަލެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާ، މާދަމާ 500 އެއްހާ މީހުންގެ ގަޔަށް ވެކްސިން ޖަހާނެ ކަމަށް ޒާހިދު ތަފްސީލު ކޮށްދެއްވިއެވެ.

ފުރަތަމަ ވެކްސިން ދިން 5 މީހުންގެ ތެރޭގައި ހިމެނެނީ، ނަރުހަކާ، ޑޮކްޓަރެއްގެ އިތުރުން، އަސްކަރީ އޮފިޝަލަކާ، ޓްރެފިކް ފުލުހެއް، އަދި ސިއްހަތާ ބެހޭ ސަރުކާރުގެ އިދާރާއެއްގެ އިސް އޮފިޝަލެއް ކަމަށް މައުލޫމާތު ލިބެއެވެ. މި މީހުންނަށް ވެކްސިން ދިން މަންޒަރު، ލައިވްކޮށް، ބްރޯޑްކާސްޓް ކޮށްފައި ވެއެވެ.

އާންމު އުސޫލުން ބަންގްލަދޭޝްގައި ވެކްސިން ޖަހަން ފަށާނީ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

"އަމިއްލަ އިހުތިޔާރުން މި ކެމްޕޭންގައި ބައިވެރިވުމުން އުފާވެރި އިހުސާސެއް ކުރެވެނީ. އެހެން މީހުންވެސް މިކަމުގައި ބައިވެރިވާނެ ހިތްވަރަކަށް މިކަން ވާނެ ކަމަށް އުއްމީދު ކުރަން. އެދެވޭ އިހުސާސެއް ކުރެވެނީ. އެއްވެސް އުނދަގުލެއް އިހުސާސެއް ނުވޭ" މިއަދު ބަންގްލަދޭޝްއިން ވެކްސިން ލިބިގަތް ނޫސްވެރިޔާ، މުޙައްމަދު އަލް މައުސޫމުއްލޯ ބުންޏެވެ.

އިންޑިއާ އިން ވަނީ ބަންގްލަދޭޝްއަށް 7 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ފޯރުކޮށްދީފައެވެ. މީގެ ތެރެއިން 2 މިލިއަން ޑޯޒްއަކީ އިންޑިއާ ސަރުކާރުގެ ފަރާތުން ބަންގްލަދޭޝްއަށް ހަދިޔާކުރި ޑޯޒްއެވެ. ބާކީ ޑޯޒްއަކީ ބަންގްލަދޭޝްއިން އަމިއްލަ ހަރަދުގައި ގަނެފައިވާ ޑޯޒްތަކެވެ.

ބަންގްލަދޭޝްގެ ކޮވިޑް ކެމްޕޭންގެ ތެރެއިން ފުރަތަމަ ބުރުގައި ވެކްސިން ދިނުމަށް ނިންމާފައި ވަނީ ފްރަންޓްލައިން ވޯކަރުންނާއި ސިއްހީ ހިދުމަތްތެރިންނަށެވެ. އަދި އެގައުމުގެ ކުރިކެޓް ބޯޑުން ވަނީ، އަންނަ މަސް ނިމޭއިރު، އެތައް ސަތޭކަ ކުޅުންތެރިންނަކަށް ވެކްސިން ދޭނެ ކަމަށް ބުނެފައެވެ.