މީގެ 7 އަހަރު ކުރިން، މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަށް އަޑިއަށް ދިޔަ ބޯޓުން ދަތުރުކުރި 200 އެއްހާ ހިޖުރަވެރިންނާއި ރެފިއުޖީންނަށް ލިބިފައި އޮތް ދިރިހުރުމުގެ ހައްގު ހިމާޔަތް ކޮށްދިނުމަށް އިޓަލީވިލާތުން ފެއިލްވެފައި ވާ ކަމަށް، އދއާއެކު މަސައްކަތް ކުރަމުން އަންނަ، އިންސާނީ ހައްގުތަކާ ބެހޭ މިނިވަން ތަޖުރިބާކާރުންތަކެއް ވިދާޅުވެއްޖެއެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއިން ބުނީ، 400 އެއްހާ ބޮޑެތި މީހުންނާއި ކުޑަ ކުދިން ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް ބޯޓު ފެތެން ފެށުމުން އެހީއަށް އެދި ގޮވާލި ގޮވާލުންތަކަށް އިޖާބަ ދިނުމަށް އިޓަލީވިލާތް ފެއިލްވެފައި ވާ ކަމަށެވެ.

މި ހާދިސާގައި މަރުވެދިޔަ މީހުންގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ހޯދާއި، އެ ފަރާތްތަކާ ދެކޮޅަށް ދައުވާ އުފުލުމަށްޓަކައި މިނިވަން ތަހުގީގެއް، ވީ އެންމެ މުނާސަބު ވަގުތުގައި ކުރިއަށް ގެންދިއުމަށްވެސް އެ ކޮމިޓީއިން ވަނީ އިޓަލީވިލާތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ލީބިއާގެ މަސްވެރި ބަނދަރެއް ކަމަށްވާ ޒުވާރާއިން ބޯޓު ފުރީ އޮކްޓޯބަރު 10، 2013ގައެވެ. ބޯޓުގައި ގިނައިން ތިބީ ސޫރިޔާއަށް ނިސްބަތްވާ މީހުންނެވެ. ދަތުރަށް ފެށިތާ ގަޑިއިރުކޮޅެއްގެ ތެރޭގައި، ބޯޓު ދިޔަވާން ފެށީއެވެ.

ބޯޓު ދިޔަވާން ފެށީ އެފްރިކާ ސަރަހައްދަށް ނިސްބަތްވާ ގަބީލާ ދަރިކޮޅެއްގެ ބަޔަކަށް ނިސްބަތްވާ ދިދައެއް ނަގައިގެން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ ބޯޓަކުން ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ކަމަށާ، ބަޑީގެ ހަމަލާތަކާއެކު، ހިޖުރަވެރިންނާއި ރެފިއުޖީން ތިބި ބޯޓުން އެހީއެދި ގޮވި ގޮވުމަށް، ވަގުތުން ވަގުތަށް އިޖާބަ ދިނުމަށް އިޓަލީވިލާތް ފެއިލްވީ ކަމަށް، 18 މެމްބަރުންގެ ތަޖުރިބާކާރު ޕެނަލުން ވަނީ ބުނެފައެވެ.

ބޯޓު ދިޔަވެ އަޑިއަށް ދާން ފެށުމުން އިޓަލީވިލާތަށް ގުޅަން ކުރި މަސައްކަތުންވެސް އެދެވޭ އިޖާބައެއް ނުލިބުނެވެ. އެތައް އިރެއް ފަހުން އިޓަލީވިލާތުން ދިން ޖަވާބުގައި ބުނީ، އެ ބޯޓު އޮތީ މޯލްޓާގެ ރެސްކިއު ޒޯންގައި ކަމަށެވެ. އަދި މޯލްޓާގެ ނަންބަރު ދިނެވެ. ސަލާމަތަށް އެދި ބޯޓުން ވަނީ މޯލްޓާއަށް ގުޅާފައެވެ. 2 ގަޑިއިރު ވަންދެން އެ މަސައްކަތްވެސް ކުރިއެވެ.

މޯލްޓާގެ ރެސްކިއު ބޯޓުތަކަށް ސީންއަށް ދެވުނު އިރު، ބޯޓު ފެތިއްޖެއެވެ. އިޓަލީވިލާތުން ސީންއަށް ދިޔައީ މޯލްޓާގެ އެދުމަކަށެވެ.

ބޯޓުން އެހީ އެދި އިޓަލީވިލާތަށް ގުޅި ހިސާބުން އެހީގެ މަސައްކަތް ފެށި ނަމަ، ބޯޓު ފެތުމުގެ 2 ގަޑިއިރު ކުރިން ސީންއަށް ދެވުނީސް ކަމަށް ކޮމިޓީގެ މެމްބަރަކި ވަނީ ވިދާޅުވެފައެވެ.

އެފްރިކާއިން ވިލާތަށް ބަދަލުވުމަށް ކުރާ އުއްމީދީ ދަތުރުތަކުގައި، 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް 20000 އަށް ވުރެ ގިނަ ހިޖުރަވެރިންނާއި ރެފިއުޖީން ވަނީ މަރުވެފައެވެ.