އިދިކޮޅު ކޯލިޝަނުން ހެލްތު މިނިސްޓްރީ ކުރިމަތީގައި ކުރަމުންދާ މުޒާހަރާ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ހައްޔަރު ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ހެލްތު މިނިސްޓްރީ ކުރިމަތީގައި މިހާރު ކުރިއަށްދާ މުޒާހަރާ ތެރެއިން އަދުރޭ އާއި ޝުޖާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ގޮވާލައި މިމަހު 24 ގައި ބޭއްވި މުޒާހަރާ ތެރެއިން ވެސް އަދުރޭ އާއި ޝުޖާއު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ދޫކޮށްލާފައިވަނީ އެރޭގެ ވަގުތެއްގައެވެ.

ހެލްތު މިނިސްޓްރީ ބޭރުގައި ކުރަމުންދާ މި މުޒާހަރާގައި ބައިވެރިން އަންނަނީ ވެކްސިން ޖެހުމުގެ ކުރިން އޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލަމުންނެވެ.

ހެލްތު މިނިސްޓްރީގެ ބޭރުގައި ސަޕޯޓަރުން މުރާހަރާ ކުރަމުންދާއިރު އިދިކޮޅު ކޯލިޝަންގެ އިސް ފަރާތްތަކުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އާ ބައްދަލު ކުރުމަށް ހެލްތު މިނިސްޓްރީ އެތެރެއަށް ވަނީ ވަދެފައެވެ.

މިނިސްޓަރާ ބައްދަލުކުރުމަށް މިނިސްޓްރީއަށް ގޮސްފައިވަނީ ވެކްސިން ގެ ރައްކާތެރިކަމާ ރައްޔިތުންގެ ދުޅަހެޔޮ ކަމާ ގުޅޭގޮތުން ފާޅު ކުރަމުން ގެންދާ ކަންބޮޑުވުންތަކާ ގުޅިގެން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.